ރައީސް މިކަމަށް ގޮވާލެއްވީ ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް-28 ސަމިޓުގައި ތަގުރީރުކުރައްވަމުންނެވެ.
ރައީސްގެ ތަގުރީރުގައި ވަނީ ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާނޭގޮތަށް ކަންކަން އިސްލާހުކޮށް ދެމެހެއްޓުމަށް ވެސް ގޮވާލައްވާފަ އެވެ.
މީގެ 15 ދުވަސް ކުރިން އެމަނިކުފާނު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ގައުމުގެ މަސްލަހަތު ހިމާޔަތްކޮށް، ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯއްދަވައިދެއްވަން ވައުދުވަމުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވެފައި ވަނީ އެ ވައުދުތައް ފުއްދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެމަނިކުފާނު ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު އެ ވައުދުތައް ވެވަޑައިގަތީ ރާއްޖޭގެ ފަދަ ކުޑަ ގައުމަކަށް ބާރު ނުފޯރާ އެތައް ކަމެއް ހުރިކަން އެނގިވަޑައިގެން ހުންނަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި ގޮތުގައި އެފަދަ އެއް މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތައް ކަމުގަ އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރަން ގައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަން ކުރަން ޕެރިސް އެއްބަސްވުމާ އެއްގޮތަށް، 1.5 ޑިގްރީގެ އަމާޒު ހާސިލުވާނެ ގޮތަށް ޕްލޭންތައް ތަންފީޒު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރަން ފައިސާ ހޯދަން ހުރި އުނދަގޫތައް ލުއިކޮށްދޭން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައި ވަނީ މިކަން ތަކުރާރު ކުރަމުން ގެންދިޔަ ކަމުގައި ވީނަމަވެސް އަމާޒު ހާސިލުވުމާ ގާތަށް ނުދެވޭ ކަމަށެވެ. އެހެންކަމުން މޫސުމާ ގުޅުންހުރި ކަންކަމަށް ސީދާ ހޭދަކުރެވޭނެ މާލިއްޔަތެއް ކަނޑައަޅައި، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން އިސްކަންދެވޭނެ އާ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ މޫސުމީ ގެއްލުންތަކުން އަރައިގަންނަން އެހީތެރިވާ، 'ލޮސް އެންޑް ޑޭމަޖް ފަންޑު' ގެ ބޭނުން ހިފަން ފެށުމަށް، މި ބައްދަލުވުމުގެ ތެރެއިން ނިންމި ނިންމުމާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެ މަސައްކަތުގައި ޔޫއޭއިން އިސްނަގައި، އެހެން ގައުމުތަކުން އެކަމަށް ތާއީދުކޮށް އެއްބާރުލުންދިނުމާ އެކު މި ފަންޑަށް ބޮޑެތި އެހީތަކެއް ދޭނެކަމުގެ ޔަގީންކަން ދީފައިވާތީ ރައީސްގެ ވާހަކަފުޅުގައި ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމަށާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރަން ބޭނުންވާ ކަންކަން ފަހިކުރަން މަސައްކަތް ކުރުމާ އެކު އެކަމަށް ބާރުއަޅައި މަޝްވަރާކުރަން ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ބާއްވާ ސަމިޓެކެވެ.