ads
މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް - ފޮޓޯ:އެޗްޕީއޭ
ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިވާން ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް
ހިމަބިހި (މީސްލްސް) އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް މިއަދު ކުޅުދުއްފުށި ސިޓީގައި އިފްތިތާހުކޮށްފި އެވެ.

މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފުކޮށްފައިވަނީ 1983 ވަނަ އަހަރުގައި ކަމަށެވެ. މިހާރުގެ ގައުމީ ވެކްސިން ތާވަލުގައި ފުރަތަމަ ޑޯޒް އުމުރުން ނުވަ މަހުގެ ކުދިންނަށް އަދި ދެވަނަ ޑޯޒް އުމުރުން 18 މަހުގެ ކުދިންނަށް ދެވެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި މީސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ 95 އިންސައްތައަށް ވުރެން މަތީގައި ހިފެހެއްޓިފައި ކަމަށް އެ އެޖެންސީން ބުނެ އެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ އެކަމުގެ ނަތީޖާއެއްގެ ގޮތުން، 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި އަދި 2020 ވަނަ އަހަރު ރުބެއްލާ ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައިވާ ކަމަށެވެ.

ރާއްޖޭން 2020 ވަނަ އަހަރު ޕީސީއާރު ޕޮޒިޓިވް މީސްލްސްގެ ކޭސްތަކެއް ފެނިފައިވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނި ގޮތުގައި މި ކޭސްތައް ފެނުމާ ގުޅިގެން، އެ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރު ކެމްޕެއިނެއް ވަނީ ފަށާފައި ކަމުގަ އެވެ. އެހެންނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ އެކު މި ކެމްޕެއިން ވަނީ މެދުކަނޑާލަން ޖެހިފައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އޭގެ ފަހުން މި އަހަރު ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އެޅިފައި ކަމަށް އެ އެޖެންސީން ބުނެ އެވެ.

your imageމީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް - ފޮޓޯ:އެޗްޕީއޭ

އެޗްޕީއޭއިން ބުނީ ހިމަބިއްސަކީ ވަރަށް ހަލުވިކަމާ އެކު ފެތުރޭ ބައްޔަކަށްވުމާ އެކު، ބަލީގެ ކޭސްތައް ފެނުން މަދުކުރުމަށްޓަކައި މުޅި މުޖުތަމައުގެ ވެކްސިން ކަވަރޭޖް ވަރަށް މަތީގައި ހިފަހައްޓަން ޖެހޭ ކަމަށެވެ. އެހެންކަމުން، މިއަދު ފެށުނު ކެމްޕެއިނުގެ އަމާޒަކީ 18 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންގެ (ދިވެހިންނާއި ބިދޭސީން) ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެ އެޖެންސީން ބުނެފައި ވަނީ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށްވެސް މި ކެމްޕެއިނުގެ ތެރެއިން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މިއަދު ފެށުނު ކެމްޕެއިން އާއެކު، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

އެޗްޕީއޭއިން ބުނި ގޮތުގައި ރާއްޖޭން ހިމަބިހި ފަދަ ބަލިތައް ނައްތާލެވިފައި ވަނީ އާންމުންނާއި ސިއްހީ ހިދުމަތްތެރިންނާއި ކަމާ ގުޅުންހުރި އެކިއެކި އިދާރާތަކުގެ ބައިވެރިވުމާއި އެއްބާރުލުން ލިބިގެން ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް