
ރައީސް މުއިއްޒު އާއި މޯދީ ބައްދަލު ކުރެއްވީ ދުބާއީގައި މިހާރު ކުރިޔަށް ދާ މޫސުމާ ބެހޭ ސަމިޓް، ކޮޕް28 ގެ ހަވާސާގެ ތެރެއިން މިއަދުގެ ވަގުތެއްގަ އެވެ. އެ ދެ ބޭފުޅުން ބައްދަލުވުމާ ބެހޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ބޮޑުވަޒީރު މޯދީ ވަނީ މީގެ ދެ ހަފްތާ ކުރިން ރައީސް މުއިއްޒު ވެރިކަމުގެ ގާނޫނީ ހުވާ ކުރައްވާ ވެރިކަމާ ހަވާލުވެވަޑައިގަތުމުން މަރުހަބާ ދަންނަވާފަ އެވެ.
އިންޑިއާ-ރާއްޖެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ ވެރިން މަޝްވަރާ ކުރެއްވި އިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިފަ އެވެ. އާ ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން އެބަތިއްބެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.