ads
އަނިޔާތަކާ ދެކޮޅަށް ބާއްވާ ޓެލެތޯންއެއް ޕޯސްޓަރެއް
އަނިޔާތަކާ ދެކޮޅަށް 16 ގަޑިއިރުގެ ޓެލެތޯންއެއް ބާއްވަނީ
އަނިޔާއާއި ދެކޮޅަށް ހޭލުންތެރިކުރުން އިތުރުކުރުމަށް 16 ގަޑިއިރުގެ މީޑިއާ ޓެލެތޯންއެއް މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

ތަފާތު އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ހިންގާ ކެމްޕެއިން މިދިޔަ މަހު 25 އިން ފެށިގެން މި މަހު 10 އާ ހަމައަށް ރާއްޖޭގައި ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ. މިއީ ރާއްޖޭގައި މި ކެމްޕެއިން ފާހަގަ ކުރާ 13 ވަނަ އަހަރެވެ.

"16 ޑޭސް އޮފް އެކްޓިވިޒަމް" ގެ ނަމުގައި މި ދުވަސް ފާހަގަ ކުރަން ބާއްވާ އެންމެ ބޮޑު ހަރަކާތަކީ މާދަމާ 16 ގަޑިއިރަށް ބާއްވާ ހާއްސަ ޓެލެތޯން އެކެވެ. ޓެލެތޯން ކުރިޔަށް ދާނީ ހެނދުނު 8:00 އިން މާދަމާ ރޭ 12:00 އަށެވެ. އެ ހަރަކާތް "ޔެސް ޓީވީ" އަދި "އައިސް ނެޓްވޯކް" މެދުވެރިކޮށް ގެނެސްދޭނެ އެވެ. 

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އިސްނަގައިގެން، ކަމާއި ގުޅުންހުރި ވުޒާރާތަކާއި އެންޖީއޯތަކާއި މިދާއިރާގައި އިސްކޮށް މަސައްކަތްކުރައްވާ ފަރާތްތައް ގުޅިގެން ކުރިއަށްގެންދާ  މި މީޑިއާ ޓެލެތޯންގެ ތެރެއިން މުޖުތަމަޢުގައި އެކި ފަރާތްތަކަށް ކުރިމަތިވާ އަނިޔާއާއި، އެކަންކަމުގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ޙައްލު ބޭނުންވާ ކަންކަމުގެ އިތުރުން، ސަރުކާރުގެ ނިޒާމުގެ ތެރެއިން މިފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވެންހުރި ގޮތްތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ގެނެސްދޭނެއެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ކައިވެންޏާއި އާއިލާގެ ތެރެއިން ކުރިމަތިވާ އަނިޔާއާއި ގުޅޭގޮތުން، އެކްސްޕަރޓުން ހިމެނޭހެން ޕެނަލް ޑިސްކަޝަންތަކާއި އިންޓަވިއުތައް ގެނެސްދޭނެ އެވެ.

އެ ހަރަކާތުގައި އެ އޮތޯރިޓީ އާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކާއި އދ. ގެ އެޖެންސީތަކުން ވެސް ބައިވެރިވާނެ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް