ads
އިސްލާމިކް މިނިސްޓްރީން ބޭއްވި ބައްދަލުވުން - ފޮޓޯ:ޑރ. ޝަހީމް
ހުތުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހަދަނީ
ދިވެހި ބަހުން ކިޔާ ހުތުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހެދުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މިހާރެކޭ އެއްގޮތަށް ރާއްޖޭގެ މިސްކިތްތަކުގައި ހުތުބާތައް ކިޔަމުން ގެންދާނީ ދިވެހި ބަހުން ކަމަށެވެ. އެހެންނަމަވެސް ހުތުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހަދާނެ ކަމަށާއި ލައިވްކޮށް އިނގިރޭސި ބަހުން ސަބްޓައިޓަލް އަރާ ގޮތަށް ހަދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

"އިންޝާ ﷲ. އިޝާރާތުގެ ބަހުން ވެސް ހުތުބާ ލައިވްކޮށް ގެނެސްދެވޭތޯ ބަލާނެ އިންޝާ ﷲ،" އިސްލާމިކް މިނިސްޓްރީގެ ސީނިއަ މެނޭޖްމަންޓް ބައްދަލުވުމުގައި ހުތުބާގެ ކަންކަމުގައި މަޝްވަރާކުރުމަށް ފަހު މިއަދު ނިންމާފައިވާ ނިންމުމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވެފައި ވަނީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެެރިން އިޖުތިމާއީ މަކާރިމުލްއަހުލާގަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ ގައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަށާނެ ކަމަށާއި މިއަދު ނިންމި ނިންމުންތަކަށް އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރެވިގެންދާނެ ކަމަށެވެ.

ބިދޭސީންނަށް ހާއްސަކޮށް މާލެ ސިޓީގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ހުތުބާ ކިޔުމާ މެދު އާންމުންގެ ހިޔާލަށް އިސްލާމިކް މިނިސްޓަރު އެދިވަޑައިގެން ފޭސްބުކްގައި ޕޯސްޓް ކުރެއްވީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ރާއްޖެއަކީ ވަރަށް ގިނަ ބިދޭސީން މަސައްކަތް ކުރާ ގައުމަކަށް ވުމާ އަދި މާލެ ސިޓީ ސަރަހައްދުގައި ވަރަށް ގިނަ އަދަދަކަށް ބޭރުގެ މުސްލިމް މަސައްކަތްތެރިން އުޅެމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް