ads
ރައީސް ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ ރާއްޖެއަކީ ފެހި، ސާފު ޖައްވެއް އޮތް ދެމެހެއްޓިނިވި ހަކަތައިގެ މައްޗަށް ބިނާވެފައިވާ ގައުމަކަށް ހެދޭނެ ކަަމަށް - ފޮޓޯ:ރައީސް އޮފީސް
"ރާއްޖެއަކީ ދެމެހެއްޓިނިވި ހަކަތައިގެ މައްޗަށް ބިނާވާ ގައުމަކަށް ހެދޭނެ"
ދިވެހިރާއްޖެއަކީ ފެހި، ސާފު ޖައްވެއް އޮތް ދެމެހެއްޓިނިވި ހަކަތައިގެ މައްޗަށް ބިނާވެފައިވާ ގައުމަކަށް ހެދޭނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ތުރުކީވިލާތަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަކީ ހަކަތައިގެ ކަންކަން ހަމަޖެއްސުމަށްޓަކައި ބަޖެޓުން އަހަރަކު 750 މިލިއަން ޑޮލަރު ހަރަދުކުރާ ގައުމެއްގެ ގޮތުގައި އަބަދު އޮވެގެން ނުވާނެ ކަމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ދާނަމަ ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމަކަށް ދާން ޖެހޭ ކަމުގައި ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ބައްދަލުވުމުގައި އިއުލާނުކުރެއްވި ފަދައިން، ރާއްޖެއަށް ބޭނުންވާ ހަކަތައިގެ ތިންބައިކުޅަ އެއްބައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށްޓަކައި، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދޭ ނިސްބަތް މިހާރު ހުރި ހަތަރު އިންސައްތަ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ތިރީސްތިން އިންސައްތައަށް އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. މިފަދަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަކީ ފެހި، ސާފު ޖައްވެއް އޮތް ދެމެހެއްޓިނިވި ހަކަތައިގެ މައްޗަށް ބިނާވެފައިވާ ގައުމަކަށް ހެދިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި ކުރިއަށްދިޔަ އެކިއެކި ބައްދަލުވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ފައިދާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުމުގައި ވަރަށް ގިނަ ކުރިއެރުންތައް މި ދަތުރުފުޅުގެ ތެރެއިން ލިބިގެންދިޔަ ކަމަށާއި ދެމެހެއްޓިނިވި އިގުތިސޯދެއް ރާއްޖެއަށް އަންނަ ކަހަލަ، ހާއްސަކޮށް އިއާދަކުރަނިވި ހަކަތަ އާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ގުޅޭ އިންވެސްޓްމަންޓްތަކަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމުގަ އެވެ.

ރައީސް ވަނީ، އެމަނިކުފާނު ތުރުކީވިލާތަށާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ މުހިންމު ކަންކަން ނޫސްވެރިންނާ ހިއްސާކުރައްވައި، އެ ދަތުރުފުޅާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް