
މަންޑޭގެ މުދާ ހިފެހެއްޓީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރުގައިވަނީ މަންޑޭ އާއި އޭނާގެ އަންބެއްގެ މައްޗަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މި އަމުރު މަންޑޭގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މި ހަފްތާގެ އާދިއްތަ ދުވަހު، އެ މައްސަލަ ހައިކޯޓަށް ބަލައި ނުގަންނަން ނިންމައި، ހައިކޯޓުންވަނީ އެކަން މައްސަަލ ހުށަހެޅި މަންޑޭއަށް ލިޔުމުން އަންގާފައެވެ.
މި މައްސަލައިގައި ތުހުމަތުވާ އެކައުންޓަކަށް ޖަމާކުރި ފައިސާ އެ އަނބިމީހާ އަށް ލިބި އަދި އެ ފައިސާއިން އޭނާ ބޮޑެތި ހޭދަތައް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަހުގީގުން ދައްކާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ހުޅުމާލޭ ކޯޓުގެ އަމުރުގައިވާ ގޮތުން ތަހުގީގު ނިމެންދެން ހިފެހެއްޓީ ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ. ކޯޓު އަމުރެއްގެ ދަށުން މަންޑޭ ދިރިއުޅޭ ގެ ފުލުހުންވަނީ ފާސްކޮށްފައެވެ. އަދި ފަހުންވަނީ އެތަނުން މީހުން ނެރެ ފުލުހުންގެ ބެލުމުގެ ދަށަށް އެތަން ގެންގޮސްފައެވެ.
ފުލުހުންގެ ތަހުގީގައި ހޯދިފައިވާ ކަންކަން
- މަންޑޭއާ އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް އުފައްދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓްއެއް ހުޅުވާފައިވާކަން. އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް، އެކައުންޓުގެ ފުރިހަމަ ކޮންޓްރޯލް ޙަސަން މަމްދޫޙުއަށް އެކަނި އޮންނަ ގޮތަށް ހަމަޖައްސާފައިވާކަން.
- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ އިމާރާތުގެ އެޕާރޓްމަންޓްތަކެއް އޮޅުވާލާއިގެން ޢާއްމު ފަރާތްތަކަށް ވިއްކާ، ބައެއް މީހުންގެ އަތުން ނަގުދު ފައިސާއާއި، އަގު ބޮޑެތި މުދަލާއި އަދި އޮޅުވާލައިގެން ހުޅުވި އެކައުންޓަށް ގިނަ ޢަދަދެއްގެ މީހުންގެ ފައިސާ ޖަމާކުރާގޮތަށް ހަމަޖައްސައި، އެގޮތުގެ މަތިން ފައިސާ ޖަމާކޮށްފައިވޭ.
- ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައިފައިވޭ. އެއް އެޕާޓްމަންޓަކާ ގުޅިގެން ތަފާތު މީހުންނާ އެކު އެއް ފަހަރަށްވުރެ ގިނައިންވެސް އެއްބަސްވުމުގައި ސޮއިކޮށް، ފައިސާ ހޯދާފައިވޭ. އެގޮތުން ޖުމްލަ 41 އެޕާޓްމަންޓް ޖުމްލަ 107 މީހަކަށް ވިއްކާފައިވޭ.
- ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވި، ފޯޖުކޮށްގެން ހުޅުވި އެކައުންޓް ބޭނުންކޮށްގެން މަނީ ލޯންޑަރކޮށްފައިވޭ
- ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އެއިން ހޯދި ފައިސާއިން މަންޑޭ ގަތް ކަމަށް ތުހުމަތުވާ އަގުބޮޑު މުދާތަކުގެ ބައެއް ތަފްސީލްތައް ޕީޖީ އޮފީހުން ވަނީ މީޑިއާ އަށް ތިލަކޮށްދީފަ އެވެ. އަދި ހިފެހެއްޓި އަގުބޮޑު މުދާތަކުގެ ފޮޓޯތައް ވެސް ވަނީ ދައްކައިފަ އެވެ.