ads
ޑިމޮކްރެޓުންގެ އެތެރޭގެ ފުރަތަމަ އިންތިހާބުގައި ހަސަން ލަތީފް ވޯޓުލައްވަނީ
ދަ ޑިމޮކްރެޓްސްގެ ރައީސަކަށް ހަސަން، ނައިބު ރައީސުންނަށް އަލައިކާ އަދި ފިރުޝާން
ދަ ޑިމޮކްރެޓްސް ރައީސަކަށް ހަސަން ލަތީފް އަދި އެ ޕާޓީގެ ނައިބު ރައީސުންނަށް އާޝިއަތު އަލައިކާ އަދްނާން އަދި ހުސައިން ފިރުޝާން ހޮވިވަޑައިގެންފި އެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުމަށް މިރޭ ބޭއްވި އެ ޕާޓީގެ މައި އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ އިއްޔެ ބޭއްވި އިންތިހާބުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި 5،883 ފަރާތަށް ވޯޓު ދިނުމުގެ ހައްގު ލިބިދީފައިވީއިރު، އޭގެ ތެރެއިން 3،209 މެންބަރުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލެވޭ މީހުންގެ 54 އިންސައްތަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވެފައި ވަނީ އެ އަދަދަކީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި މިއިން ދުވަހަކު ވޯޓުނުލާ މިންވަރެއް ކަމަށެވެ.

އިއްޔެގެ އިންތިހާބު ބޭއްވީ އެ ޕާޓީގެ ރައީސް އާއި އަންހެން އަދި ޒުވާނުންގެ ނައިބު ރައީސް އާއި ވިމެންސް ޑެމްސްގެ ރައީސާ އަދި ނައިބު ރައީސާ އަދި ޔަންގް ޑެމްސްގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ރަށު ރައީސުންނާއި އަތޮޅު ރައީސުންނާއި ދާއިރާތަކުގެ ރައީސުން ހޮވުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވި ގޮތުގައި އިންތިހާބާ ގުޅިގެން 16 ޝަކުވާއެއް ލިބިފައިވާ ކަމުގަ އެވެ. އެ ޝަކުވާތަކުގެ ތެރޭގައި ބޮޑެތި ދެތިން ޝަކުވާއެއް ހުށަހެޅުނު ކަމަށާއި އިންތިހާބުގެ ނަތީޖާ އިއުލާނުކުރުން ލަސްކުރީ އެ ޝަކުވާތައް ތަހުގީގުކޮށް، ބެލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ދަ ޑިމޮކްރެޓްސްގެ ފަރާތުން މިރޭ ބޭއްވި ބައްދަލުވުމުގައި އިއުލާނުކޮށްފައި ވަނީ ފަސް މަގާމެއްގެ ނަތީޖާ އެވެ. އެއީ:

ރައީސް

1. ހަސަން ލަތީފް: 1،794 ވޯޓު

2. ހުސައިން އަމްރު: 1،300 ވޯޓު

ނައިބު ރައީސް (އަންހެން)

1. މަރިޔަމް ރީހާން ނާޒިމް: 1،006 ވޯޓު

2.  އާޝިއަތު އަލައިކާ އަދްނާން: 1،954 ވޯޓު

ނައިބު ރައީސް (ޒުވާނުން)

1. ހުސައިން ފިރުޝާން: 1،689 ވޯޓު

2. މުހައްމަދު އަންސަރު: 1،061 ވޯޓު

3. މުހައްމަދު އަލާން: 93 ވޯޓު

ވިމެންސް ޑެމްސް (ރައީސް)

1. ޝިޔާމާ އަހުމަދު: 264 ވޯޓު

2. ފާތިމަތު ހަމްދާ މުހައްމަދު: 749 ވޯޓު

ޔަންގް ޑެމްސް (ރައީސް)

1. މުހައްމަދު މާސިހް: 367 ވޯޓު

2. ޔޫސުފް ޝާހް: 324 ވޯޓު

އާޒިމް ވިދާޅުވީ މި ނަތީޖާތަކަކީ މިވަގުތަށް އޭނާއަށް ޔަގީންކުރެވޭ ގޮތަށް ހުރި ނަތީޖާތައް ކަމަށެވެ. މި ބައްދަލުވުމުގައި އިއުލާނުނުކޮށް ހުރި މަގާމުތަކަށް ހޮވިފައިވާ ފަރާތްތައް މިރޭ އިއުލާނު ކުރަމުން ގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް