ވިޕްލައިނާ ހިލާފަށް ފާޅުގައި ހިލާފުވި ދެ މެންބަރުންގެ މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާ ހަވާލާދީ އެމްޑީޕީގެ ޕީޖީގެ ތަރުޖަމާން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވަކި ކުރުމަށް އިއްޔެ އެޖެންޑާކޮށްފައިވަނިކޮށް، އީވާ އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ނައިބު ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރޭ ބޭއްވި ޖަލްސާގައި ޝިޔާން އާއި ޖާބިރު ވަނީ އެމްޑީޕީގެ ވިޕްލައިނާ ހިލާފުވެވަޑައިގެންފަ އެވެ.
އެމްޑީޕީން ނައިބު ރައީސް ކަމަށް ވާދަކުރައްވާފައި ވަނީ އެ މަގާމަށް ރޭ އިންތިހާބުވެވަޑައިގަތް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އެގޮތަށް ނިންމީ އިއްޔެ ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ސިއްރު ވޯޓަކުން ފާސްކޮށްގެންނެވެ.
މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސްގެ ގޮނޑިއަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ނެގި ސިއްރު ވޯޓުގައި ޖުމްލަ 73 މެންބަރުން ބައިވެރިވެވަޑައިގަތެވެ. ނައިބު ރައީސް ކަން ސަލީމް ކާމިޔާބު ކުރެއްވީ 51 މެމްބަރުންގެ ވޯޓުންނެވެ. އޭނާ އާ ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެންބަރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.