ads
ފޭކް އެއްބަސްވުން ހެދި މީހާ
ފޭކް އެއްބަސްވުން ހެދި މީހާއަށް އަނެއްކާވެސް ހުކުމެއް
ފޭކް އެއްބަސްވުން ހަދައިގެން އެޕާޓްމެންޓް ކުއްޔަށް ދީ އޮޅުވާލި މައްސަލައެއްގައި މީހެއްގެ މައްޗަށް ނުވަ މަހުގެ ޖަލު އަދަބާ އެކު ބަދަލުގެ ގޮތުގައި ހަތް ލައްކަ ރުފިޔާ ނަގައިދޭން ހުކުމްކޮށްފި އެވެ.

ސައްހަ ނޫން އެއްބަސްވުމެއްގައި ދައްކައިގެން ދެ މީހަކަށް އެޕާޓްމެންޓް ކުއްޔަށް ދީ އޮޅުވާލި މައްސަލައެއްގައި ހުކުމް އިއްވީ ޅ. ހިންނަވަރު އަންބަރީގޭ އިބްރާހިމް ނަޒީދުގެ މައްޗަށެވެ. އެ މީހާގެ މައްޗަށް މިކަމާ ގުޅުން ހުރި އެހެން މައްސަލަތަކެއްގައި ކުރިންވެސް ހުކުމްކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން ނަޒީދު ވަނީ އެހެން މީހެއްގެ ގެއެއްގެ ދެ ފްލޯ އަކީ އޭނާއަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ދެ ފްލޯކަން ދެއްކުމަށް ސައްހަ ނޫން އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އެ އެއްބަސްވުން ދައްކައިގެން ދެ މީހަކަށް އެ ތަން ވަނީ ކުއްޔަށް ދޫކޮށްފަ އެވެ. ކުއްޔަށް ދޫކުރި އެކަކު ވަނީ އެޕާޓްމެންޓް އަށް އަހަރު ދުވަހަށް ކުއްޔަށް ނެގުމަށް އިބްރާހިމް ނަޒީދު އަށް 624،000ރ. ދީފަ އެވެ. ދެވަނަ މީހާ ވަނީ އެއް އަހަރުގެ މުއްދަތަށް އެޕާޓްމެންޓް ކުއްޔަށް ނަގަން 150،000ރ. ނަޒީދު އަށް ދީފަ އެވެ.

މި މައްސަލާގައި ނަޒީދުގެ މައްޗަށް ދައުލަތުން ޓެކުމުގެ ދައުވާ އުފުލުމުން އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

ނަޒީދުގެ މައްޗަށް މީގެކުރިން ވެސް ކްރިމިނަލް ކޯޓުން މިފަދަ މައްސަލައެއްގައި ހުކުމްކޮށްފައިވެ އެވެ. އެއީ ސައްހަ ނޫން އެއްބަސްވުމެއް ބޭނުންކޮށްގެން އެއް ފަހަރާ ގިނަ އަދަދެއްގެ ފައިސާ މީހެއްގެ އަތުން ނަގައިގެން އެޕާޓްމެންޓެއް ހަތަރު އަހަރު ދުވަހަށް ކުއްޔަށް ދިން މައްސަލައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް