ads
ދިވެހި ސިފައިން. ފޮޓޯ: އެމްއެންޑީއެފް
އެމެރިކާއިން އެކުލަވާލީ ޓެރަރިޒަމް ލިސްޓާ ގުޅޭ ގަރާރު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް
އެމެރިކާއިން އެކުލަވާލީ ޓެރަރިޒަމް ލިސްޓުގައި 20 ދިވެއްސެއްގެ ނަން އޮތުމާއި ގުޅިގެން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ މަޖިލީހަށް ބަލައިގަނެފި އެވެ.

އެމެރިކާ ސަރުކާރުން ނެރުނު އިއުލާނާ ގުޅިގެން ރާއްޖެއަށާއި ދިވެހިންނަށް ކުރާނެ ނޭދެވޭ އަސަރު ދެނެގަތުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިއުމަށް ގޮވާލާ ގަރާރު މަޖިލީހަށް ހުށަހެޅީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ނާޒިމު ހުށަހެޅުއްވި ގަރާރުގައި ވަނީ ޖުލައި 31 ވަނަ ދުވަހު ޔޫއެސް ޑިޕާޓްމަންޓް އޮފް ދަ ޓްރެޝަރީ އިން 20 ދިވެއްސެއްގެ ނަމާއި އެ މީހުންނާ ގުޅުން އޮންނަ 29 ވިޔަފާރިއެއް ފާހަގަކޮށް އެ މީހުންނަށް ނިސްބަތްވާ މުދަލާއި ތަކެތި ބްލޮކްކޮށް އެ މީހުންނާއެކު މުއާމަލާތްކުރާ މީހުންނާމެދުވެސް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާނެކަން ކަނޑައަޅާފައިވާކަން ފާހަގަކޮށްފަ އެވެ. 

ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔޫއެސް ޑިޕާޓްމަންޓް އޮފް ދަ ޓްރެޝަރީއިން ޓެރަރިޒަމްގައި ބައިވެރިވާކަމަށް 20 ދިވެއްސެއްގެ ނަމާއި އެ މީހުންނާ ގުޅުން 29 ވިޔަފާރިއެއްގެ ނަން ހާމަކޮށްފައިވެ އެވެ. އަދި އެމީހުންނަށް ނިސްބަތްވާ މުދަލާއި ތަކެތި ބްލޮކްކޮށް، އެ މީހުންނާއެކު މުއާމަލާތް ކުރާ މީހަކާ މެދުވެސް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާނެކަން ހާމަކޮށްފައިވެ އެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ނަމަށާއި ދިވެހީންނަށް އަދި އިގްތިސާދަށް، ހާއްސަކޮށް ފަތުރުވެރިކަމަށް ނެދެވޭ އަސަރު ކުރާނެ ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ޓެރަރިޒަމްގެ ބިރުވެރިކަން އޮތް މިންވަރު ދިރާސާކޮށް ބެލުމަށް ފަހު، އޭގެ އަސަރު ކުޑަވާނެ ގޮތަކަށް އަވަސް ފިޔަވަޅު އެޅުމަށް، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް މަޖިލީހުން ކުރުމަށް ނާޒިމްގެ ގަރާރުގައިވެ އެވެ.

your imageގަރާރު ހުށަހެޅުއްވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

އޭގެ އިތުރުން، އެމެރިކާގެ ބަޔާން ނެރުމުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޕާލިމަންޓްރީ އިންކުއަރީ އިންވެސް ޓެރަރިޒަމްގެ ބިރުވެރިކަން އޮތް މިންވަރު ވަޒަން ކޮށްފައިވާކަން ނާޒިމް ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

އެ އިންކުއަރީއިން ފާހަގަވި ކަންކަމަށް ރިކޮމެންޑޭޝަންތަކެއް ދީފައިވާއިރު، އެ ރިކޮކޮމެންޑޭޝަންތަކަށް އަމަލު ކޮށްފައިވާ މިންވަރާ ބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މިއީ ބޭރުގެ ސަރުކާރަކުން ދިވެހިންގެ ތެރެއިން ބަޔަކާ މެދު މިފަދަ ނިންމުމެއް ރަސްމީކޮށް ނިންމި ފުރަތަމަ ފަހަރުކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، މިކަމުގެ ސަބަބުން ރާއްޖޭގެ ނަމަށާއި އިގްތިސާދަށް އަތުވެދާނެ ކިލަނބުކަން ބަލާ އެއިން މިންޖުވުމުގެ ފިޔަވަޅު އެޅުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ. އަދި މިކަމުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް މަޖިލީހުން މަސައްކަތް ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

މި ގަރާރު ބަލައިގަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓު ދެއްވި 22 މެންބަރުންގެ އިއްތިފާގުންނެވެ. މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވުމުން ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް