ads
އަމީނީ މަގުގެ ފަސް ވަނަ ސެގްމެންޓްގެ މަސައްކަތުގެ ތެރެއިން - ފޮޓޯ:އާރުޑީސީ
އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް އަލުން ފަށަނީ
އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފެށުމާ ގުޅޭގޮތުން، އެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ސްޓޭކްހޯލްޑަރުންނާ އެކު މިއަދު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ނިންމާފައި ވަނީ އަމީނީ މަގުގެ އެންމެފަހު ސެގްމަންޓް، 12 އަދި 13 ގައި މަސައްކަތް އަވަހަށް ފެށުމަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ގޮތަށް މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ފެށުމުގެ އެންމެފަހުގެ ތައްޔާރީތައް އާރުޑީސީން ވަމުން އަންނަ ކަމަށެވެ.

މި ބައްދަލުވުމުގައި މަގު ހެދުމުގެ މަސައްކަތް ފެށުމާ އެކު އާންމުންނަށް މަގު ބޭނުން ކުރުމުގައި ދިމާވެދާނެ ދަތިތައް ހައްލު ކުރުމާ ގުޅޭގޮތުން އާރުޑީސީ އާއެކު މަޝްވަރާ ކުރެވުނު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި އަމީނީ މަގުގެ ޓްރެފިކް ފްލޯއަށާއި ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ބަސް ރޫޓުތަކަށް ދިމާވެދާނެ ދަތިތަކަށް ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އެހީގައި ހައްލެއް ގެނައުމަށް އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމުގަ އެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އެވެ. ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން މިހާތަނަށް ނިންމާފައި ވަނީ ސެގްމެންޓް 11 އެވެ.

މި މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމަން ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން މަސައްކަތް ކުރި ނަމަވެސް، ދައުރު ނިމުނުއިރުވެސް އެ މަސައްކަތް ވަނީ ނިމޭގޮތް ނުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް