
ޕީޕީއެމް-ޕީއެންސީގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރާނެ ކެންޑިޑޭޓަކަށް ކުރިމަތިލާން ހުޅުވާލި ސުންގަޑި އިއްޔެ މެންދުރު ފަހު 3:00 އަށް ވަނީ ހަމަވެފަ އެވެ. އެ މުއްދަތުގައި އާޒިމާ އެކަނި ކުރިމަތިލުމުން އޭނާ އަށް ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައިވަނީ މާލޭ މޭޔަރުގެ މަގާމު މިދިޔަ ތިން އަހަރު ފުރުއްވި ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ރައީސްކަމުގެ ހުވައިކުރެއްވުމަށް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އާޒިމާގެ އިތުރުން މާލެ މޭޔަރުކަމުގެ މަގާމަށް ކުރިމަތި ލައްވާނެކަން މިހާތަނަށް އިއުލާނުކުރައްވައިފައިވާ ބޭފުޅުންގެ ތެރޭގައި:
- ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީގެ ކައުންސިލް މެމްބަރު ސައިފް ފާތިހު
- އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް
- އަލަށް އުފައްދާ ޕީއެންއެފްގެ ފަރާތުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު
މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލިމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އިންތިޚާބު ބާއްވާނެކަމަށް ވެސް އީސީން ވަނީ އިއުލާނުކޮށްފައެވެ.