ads
ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު - ފޮޓޯ:ޑިމޮކްރެޓްސް
ޕާޓީގެ އަސާސީ ގަވާއިދުގެ ހަމަތަކުގެ މަތިން މަސަައްކަތް ކުރާނަން: ހަސަން
ޕާޓީގެ އަސާސީ ގަވާއިދުގެ ހަމަތަކާ އުސޫލުތަކުގެ ތެރެއިން މަސައްކަތްކުރައްވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމަށް ހަސަން ލަތީފް ވަނީ ހޮވިވަޑައިގެންފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ ފުރަތަމަ ދައުރުގެ މަގާމުފުރާތަކަށް މެންބަރުން ހޮވުމުގެ އިންތިހާބުގަ އެވެ. 

އެކަމާ ގުޅިގެން ހަސަން މިއަދު "ސީއެންއެމް" އަށް ވިދާޅުވީ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި ކަންކަން އެގޮތުގެ މަތިން ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވައުދުވެވަޑައިގެންފައި ވާނީ ނުކުރެވޭ ކަންކަމަށް ނޫން ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދުގެ ހަމަތަކާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހަސަން ވިދާޅުވެފައި ވަނީ ޑިމޮކްރެޓްސްގެ މަގާމުތަކަށް ހޮވުނު ބޭފުޅުންނާ ގުޅިގެން އެއްބައިވަންތަކަމާ އެކު ޕާޓީ ހިންގުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މަގާމުތަކަށް ހޮވުނު ފަރާތްތަކުގެ ތެރެއިން ނެޝަނަލް މަގާމުތަކަށް ހޮވުނު ފަރާތްތަކާ އެކު ބައްދަލުވެ، ވީ އެންމެ އަވަހަކަށް މަޝްވަރާތައް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުރިހާ މަގާމަކަށް އިންތިހާބުވި ފަރާތްތަކާ އެކު ވެސް ބައްދަލުވުންތައް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގަ އެވެ.

"ކޮންމެ ބޭފުޅެއްވެސް އެ މަގާމަށް ވަޑައިގެން ހުންނެވީ ކަނޑައެޅިގެން އެބޭފުޅުންގެ މަސައްކަތަކީ ކޮބައިކަން އެނގިވަޑައިގެން. އެހެންވީމައި އެކި ރަށްރަށުގައި އަދި އެކި އަތޮޅުތަކުގައި އަދި ސިޓީތަކުގައި އެ މަސައްކަތް ހިންގޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން. ޕާޓީގެ އޮނިގަނޑު އެ އޮތީ ވަރަށް ބޮޑަށް ލާމަރުކަޒީކޮށް. އެހެންކަމުން އެ އޮނިގަނޑުގެ ތެރެއިން އެބޭފުޅުންނަށް އެ ޖާގަ އާއި ފުރުސަތު ހުރިހާ މަސައްކަތެއް ކުރުމަށްވެސް ލިބޭނެ،" - ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް

މީގެ އިތުރުން ހަސަން ވިދާޅުވީ މިވަގުތު އެންމެ ބޮޑު އަމާޒަކީ ޑިމޮކްރެޓްސްއަށް ދިހަ ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތްކުރުން ކަމަށާއި ހުރިހާ ފަރާތްތަކުންވެސް އެކަން ހާސިލުކޮށްދިނުމަށް މަސައްކަތް ކުރުމަކީ އެ ޕާޓީ އަދި ޕާޓީ މެންބަރުންގެވެސް ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް