
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ އެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި ހޯރަފުށި ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ މުވައްޒަފުންގެ ވަޒީފާ ގެއްލުމަކީ މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުމެއްކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ހޯރަފުށީގެ ބޮޓްލިން ޕްލާންޓްގެ މަޝްރޫއުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން، ފެނަކައިން މުވައްޒަފުން ވަކި ކުރަމުންދާ ކަމުގެ ކަންބޮޑުވުން މެމްބަރުންނާ ހަމައަށް ލިބެމުންދާ ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވަނީ ބޭރު ގައުމުތަކުގެ ރައްޔިތުކަން އޮންނަ ބޭފުޅުން މި ސަރުކާރުގައި ކެބިނެޓަށް އައްޔަންކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މި ތަނުން އަޅުގަނޑުމެންގެ ރުހުން މިނިސްޓަރުންނަށާއި އެހެން މަގާމްތަކަށް އަންނަ ބޭފުޅުންނަށް ރުހުން ހޯދަން ބޭނުންވަންޏާ ރައްޔިތުން މަގާމުތަކުގައި ބައިތިއްބަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގައި އަސާސީ ހިދުމަތްތައް ދޭ ފެނަކައިގެ މުވައްޒަފުން ވަކިކުރަމުން ދަނީ ބަދަލުހިފުމުގެ ރޫހެއްގައި ކަމަށް ވިދާޅުވެ މަކުނުދޫ ދާއިރާގެ މެމްބަރު މަކުނުދޫ ދާއިރާގެ މެންބަރު އަހުމަދު ރާއީ ވިދާޅުވީ "ބަދަލުހިފަން ޖެހިދާނެ" ކަމަށެވެ. ރާއީ އެ އިޝާރާތް ކުރެއްވީ މަޖިލީހުގައި މި ވަގުތު ތިއްބެވި ސަރުކާރަށް ތާއީދު ކުރާ ޕީއެންސީ/ޕީޕީއެމް ގެ ކުޑަ އަގުލަބިއްޔަތައް ކަމަށް ބެލެވެ އެވެ. މަޖިލިސް މިހާރު ވެސް ކޮންޓްރޯލް ކުރަމުން ދަނީ އެމްޑީޕީ އިންނެވެ.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްގެ ވާހަކައިގައި ވެސް ވަޒީފާތަކުގައި މިހާރު ތިބި މުވައްޒަފުން ކަނޑާނަމަ، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ ބައެއް މެމްބަރުންނަށް ދަތި ކަމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވީ ރަށްފުށުގެ ތަރައްގީއަކީ ޕީޕީއެމް-ޕީއެންސީ ސަރުކާރަށް އެނގޭ އެއްޗެއް ނޫންކަން ހާމަވާ ކަމަށެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ވިދާޅުވީ މި ސަރުކާރުގެ އަސްލު ކުލަ ފެންނަމުންދާ ކަމަށެވެ.
އެއްވެސް ދިވެހި ރައްޔިތެއްގެ ހައްގަކަށް އަރައިވަޑައިނުގަންނަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ރައީސް އޮފީހުގައި ސިޔާސީ ނޫން ވަޒީފާތަކުގައި ތިބި މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މީކާއީލް ވިދާޅުވި އެވެ.
ގާނޫނު ބުނާ ގޮތުން، ނައިބު ރައީސް ފިޔަވައި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާން ވާނެ އެވެ.
ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަންކުރާ ބޭފުޅުންގެ ނަންތައް ހަތް ދުވަހުގެ ތެރޭގައި މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން ޖެހޭއިރު، ރައީސް މުއިއްޒު ވަނީ އެ ނަންތައް މަޖިލީހަށް ފޮނުވާފައި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި 22 ވަޒީރުން ތިއްބަވަ އެވެ. މީގެތެރޭގައި ތިން އަންހެން ބޭފުޅުން ހިމެނެ އެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ ގަ އެވެ. އެއީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އެވެ.
މަޖިލީހުގައި އެމްޑީޕީގެ 55 ގެ މެމްބަރުން ތިއްބަވަ އެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ކަމަށް ވާތީ ވަޒީރަކަށް ރުހުން ނުދޭން ފާސްކުރުމުގެ ބާރު އެޕާޓީއަށް އެބަ އޮތެވެ.