ads
ކުރެއްދޫ ރިސޯޓް--
ޗަމްޕާގެ ހުރިހާ ރިސޯޓެއް ވަގުތީ ގޮތުން ބަންދުކޮށްފި
ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ހުރިހާ ރިސޯޓަކާއި ހޮޓަލެއް ވަގުތީގޮތުން ބަންދުކުރަން ނިންމައިފި އެވެ.

އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ ހުރިހާ ރިސޯޓެއް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިހުރިހާ ރިސޯޓެއް ބަންދުކުރި ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޗަމްޕާ ކުންފުނިން އަންނަނީ ހަތް ރިސޯޓެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ. އަދި ޗަމްޕާ ސެންޓްރަލް ހޮޓަލުގެ ނަމުގައި މާލޭގައި ހޮޓަލެއް ވެސް ހިންގަމުން އަންނައިރު އެތަން ވެސް ބަންދުކުރާނެ އެވެެ.

ކޮވިޑް-19 އާ ގުޅިގެން ޗަމްޕާގެ ރިސޯޓުތައް ބަންދުކުރަން ނިންމިއިރު ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ ޗަމްޕާގެ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއެއްގެ ގައިންނެވެ. އެ ރިސޯޓުން ޖުމްލަ ފަސް މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް ރަނގަޅުވީ އެތަނުން އެކަކެވެ. 

ކޮވިޑް-19އަށް ރާއްޖެއިން ޖުމްލަ 13 މީހަކު ޕޮޒިޓިވްވިއިރު މީގެ ތެރޭގައި ދިވެއްސަކު ނުހިމެނެ އެވެ. 

ތިން މަސް ދުވަހަށް ޗަމްޕާގެ ރިސޯޓުތައް ބަންދުކުރަން ނިންމިއިރު ޔުނިވާސަލްގެ ރިސޯޓުތައް ވެސް ބަންދުކުރަން ވަނީ ނިންމާފަ އެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް