އާބަންކޯއިން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެކި އޮފީސް އަދި ސަރުކާރު ވުޒާރާތަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އަބަދުވެސް ދަނީ އެ ކޯޕަރޭޝަނުގެ ސީއެސްއާރުގެ ދަށުން ކުރަމުން ކަމަށެވެ. އެގޮތުން މިފަދަ ކަންކަން ކުރުމުގައި ހުޅުމާލޭގައި ހުންނަ ސްކޫލުތަކަށް އަބަދުވެސް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި ކަމަށް އާބަންކޯއިން ބުނެ އެވެ.
އާބަންކޯއިން ބުނެފައި ވަނީ މި މަސައްކަތްތަކުގެ ބައެއްގެ ގޮތުގައި ހިމަނައިގެން ރެހެންދި ސްކޫލުގެ އެދުމުގެ މަތިން ސްކޫލުގެ ބޭރުގައި ބެލެނިވެރިން އާންމުކޮށް މަޑުކޮށްގެން ތިބޭ ސަރަހައްދު ހިޔާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ. އެގޮތުން ގާއިމު ކުރެވޭ ކެނޮޕީގެ ބޭނުމަކީ ދަރިވަރުން ގެންގޮސް އަދި ބަލައިދާ ބެލެނިވެރިންނަށް މޫސުން ގޯސްވާ ދުވަސްތަކުގަ އާއި ހޫނުގަދަ ދުވަސްވަރު ހިޔަލުގައި މަޑުކޮށްލެވޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
އާބަންކޯއަކީ އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އާބަންކޯއިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ދެމުންގެންދާ ހިދުމަތްތަކުގެ އިތުރުން ހުޅުމާލޭގައި ގާއިމު ކުރެވިފައިވާ ސަރުކާރުގެ އެކި ވުޒާރާތަކާއި އަމިއްލަ ފަރާތްތަކުން ހިންގަމުން އަންނަ ވިޔަފާރިތަކަށްވެސް ހުރި ދަތިތައް ބަލައި ހައްލު ހޯދައިދިނުމުގެ މަސައްކަތް އަބަދުވެސް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަންދޭ ކަމުގަ އެވެ.