ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ފަގީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަ ކުރެއްވި އެވެ. އަދި މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މި އަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖެއްސެވި ކަމަށާއި އެކި އަހަރު އެކި އަދަދަށް މީހުން ހައްޖަށް ފޮނުވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ހައްޖަށް ފޮނުވާ ފަރާތްތައް ކަނޑައަޅުއްވާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި އަމަލު ކުރާނީ ގައުމުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމުގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ މި އުސޫލު ސަރުކާރު ގެޒެޓުގައި އާންމު ކުރެވޭނެ ކަމަށާއި އުންމީދަކީ ފަސް އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށްވުން ކަމުގައި ކަމަށެވެ.