
ރައީސްގެ ވެރިކަމަށް ހަފުތާއެއްވިތަނާ، ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޔާމީން ވަނީ އެ ޕާޓީން ކުއްލި ގޮތަކަށް ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އަދި، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތް ފަހުން މިހާތަނަށް ރައީސް ޔާމީން ކުރެއްވި އެއްވެސް ފޯނު ކޯލަކަށް ޖަވާބުދެއްވާފައެއް ނުވެ އެވެ.
ޕީއެންއެފް އުފެއްދުމަށް މެދުވެރިވި ދިމާވީ އިންތިހާބު ކާމިޔާބުވުމަށް ފަހު، ރައީސް އާއި ޔާމީންއާ ދެ ބޭފުޅުންގެ ގުޅުން ގޯސްވުމުން ކަމަށް ޕީއެންއެފް އުފެއްދުމުގައި ހަރަކާތްތެރިވި ޖަމީލު ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ރައީސަށް ސުވާލު އަމާޒުކުރި އެވެ.
އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ މިއަދާއަހަމަށް ވެސް އެއިން އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ.
ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، ބައްލަވަނީ ކުރިއަށް ކަމަށެވެ. އަދި ހިތުގައި އެއްވެސް މީހަކާ މެދު "ޒާތީ ކަމެއް، ހިތްހަމަނުޖެހުމެއް ވެސް ނެތް" ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީން އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، ރައީސް ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުން ތިބީ ޕީޕީއެމް/ޕީއެންސީއާ އެކު އެވެ. އަދި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ތިންބައިކޮށްފައި ދެބައިގެ މެޖޯރިޓީ ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށްވާއިރު އެމަނިކުފާނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ.