
އެކަމަނާ މިހެން ވިދާޅުވީ 'ޖެންޑަ ޑޭޓާ ޔޫސް އިން ޕޮލިސީ މޭކިން ވެލިޑޭޝަން އެންޑް އެޑްވޮކަސީ ވޯކްޝޮޕް' ގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު ހެނދުނު ކުރިއަށް ދިޔަ މި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، މި ވަގުތަކީ މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން، ލިބެންހުރި މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް އާ ސިޔާސަތުތައް އެކުލަވާލުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ. މި ރޮނގުން ވާހަކަ ދައްކަވަމުން، ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި އެކަމަނާ ވަނީ، ސިޔާސަތުތަކާއި ގަވާއިދުތަކާއި ގާނޫނުތައް އެކުލަވާލާއިރު ރައްޔިތުންގެ އުންމީދުތަކާ މެދު ވިސްނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.
މިއަދުގެ މަސައްކަތު ބައްދަލުވުމުގައި ރައީސްގެ އަނބިކަނބަލުން ވަނީ މި ސަރުކާރުން ޖިންސުގެ ހަމަހަމަކަމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އެކަމަނާ ވިދާޅުވެފައި ވަނީ މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި ޖިންސުގެ ހަމަހަމަކަމަށް މަސައްކަތްކުރުން ނޫން ކަމަށާއި ހަމަ އެ އާއެކު ސަރުކާރުގެ މަގުސަދަކީ ގައުމީ ތަރައްގީގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ. އަދި އިގުތިސޯދީ ދާއިރާގައި އޮންނަ އަންހެނުންގެ ހިއްސާ އިތުރުކުރުމާއި ސިޔާސީ ދާއިރާ އާއި ރައްޔިތުންނަށް އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއްދޭ އެއް ދާއިރާ ކަމުގައި އެ ކަމަނާ ވިދާޅުވި އެވެ.
މިއަދު ކުރިއަށް ދިޔަ މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި ޕާޓްނަޝިޕް އިން ސްޓެޓިސްޓިކްސް ފޮ ޑިވެލޮޕްމަންޓް އިން ދަ ޓުވެންޓީ ފަސްޓް ސެންޗަރީ (ޕީއޭއާރުއައިއެސް 21) އާ ގުޅިގެން ކޮށްފައިވާ ދިރާސާގެ އަލީގައި ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަރުހަލާގައި ޖިންސުގެ ހަމަހަމަ މައުލޫމާތު ހިމެނުމުގެ މުހިންމުކަމުގެ މައްޗަށެވެ.