ads
ޗޫޖިން ޓޮންގްޗުއަން ވިންޑް ފާމް ހިންގަމުންދާގޮތް ނައިބު ރައީސް ވަނީ ބައްލަވާލައްވާފައި - ފޮޓޯ:ރައީސް އޮފީސް
ޗޫޖިން ޓޮންގްޗުއަން ވިންޑް ފާމް ހިންގަމުންދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ޗޫޖިން ޓޮންގްޗުއަން ވިންޑް ފާމަށް ޒިޔާރަތްކުރައްވާ އެތަން ހިންގަމުންދާގޮތް ބައްލަވާލައްވައިފި އެވެ.

ނައިބު ރައީސް ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޗޫޖިން ޓޮންގްޗުއަން ވިންޑް ފާމް ޕްރޮޖެކްޓަކީ، ޔުނާން ޕްރޮވިންސްގައި އަލަށް ހިންގުމަށް ރާވާފައިވާ ހަކަތަ އާ ގުޅޭ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ، ވައިން ހަކަތަ އުފެއްދުމުގެ 20 މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއެވެ. ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ވިންޑް ފާމްގެ ކޮންޓްރޯލް ސެންޓަރަށް ވަޑައިގެން، އެތަން ހިންގަމުންދާގޮތާ ބެހޭ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

ކޮޕް-28 ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ހަކަތައިގެ 33 އިންސައްތަ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާކަން އިއުލާނު ކުރައްވާފަ އެވެ.

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ނައިބު ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މި ހިނގާ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ނައިބު ރައީސްގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް