މެމްބަރު ހުސައިން މިފަދައިން ގޮވާލައްވާފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި ބޭއްވި ކޮޕް-28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ހާމަކޮށްފައިވުމުން، ސިފައިން ބޭލުމަށް އެއްބަސްވުމެއް ހަދާފައިވާ ނަމަ އެ އެއްބަސްވުމެއް ހާމަކުރުމަށް ގޮވާލާ މަޖިލިހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދު ﷲ ހުށަހެޅުއްވި ކުއްލި މައްސަލަ އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ހުސައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގަޔާއި އިންތިހާބުވެ ވަޑައިގަތުމަށްފަހުވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާ، ސިޔާދަތާއި ރާއްޖޭގެ ދިދަ ގެއްލި، ދިވެހީންގެ ގައުމު ދިވެހިންނަށް ގެއްލޭފަދަ އަޑިނޭނގޭ އެއްބަސްވުންތަކެއް ހަދާފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
އިންޑިއާ އާއެކު ކުރީގެ ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން އަނޑިނޭގޭ، ރާއްޖޭގެ މިލްކުވެރިކަމާއި އިސްތިގުލާލާ އަދި މިނިވަންކަން ގެއްލޭފަދަ އެގްރިމެންޓެއް ކޮށްފައިވާ ނަމަ އެ އެގްރިމެންޓަކާއި އޭގައިވާ މާއްދާތައް ހާމަކުރަން އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނަށް 18 ދުވަސްވީއިރު ރާއްޖޭގައި ތިބި ކަމަށް ބުނާ ސިފައިންގެ އަދަދު ބުނެނުދެވުނުކަން ފާހަގަކުރައްވާ މެމްބަރު ޝަހީމް އެދިވަޑައިގެންނެވީ އިންޑިއާ އާއެކު ވީ ކަމަށް ވިދާޅުވާ އެއްބަސްވުން ހާމަކުރެއްވުމަށެވެ.