
ފުލުހުން ދެންމެ ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހަވަނަ ޓަވަރުގެ އެޕާޓުމަންޓެެއްގައި ޒަހަމުކޮށްލާފައިވަނީ ދިވެއްސެއް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި ފުލުހުން މިހާރު ދަނީ ސީންގައި ހަރަކާތްތެރިވަމުންނެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
ހުޅުމާލެ އެޕާޓުމަންޓެއްތެރޭ މިރޭ މީހަކު ޒަހަމުކޮށްލާފައިވާއިރު، މާލޭގައި މިއަދުގެ ވަގުތެއްގައި ވެސް ވަނީ މާރާމާރީއެއް ހިންގާފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ޗީބޯ ކައިރީގައި ވެސް ބައެއްގެ މެދުގައި ވަނީ މާރާމާރީ ހިންގާފަ އެވެ. އެ ހަމަލާގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެފަހުން މިދިޔަ ހުކުރު އަދި އާދިއްތަ ދުވަހު އައްޑޫގައި ވެސް ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ވަރަށް ބޮޑަށް ޒަހަމުކޮށްލާފައި ވެއެވެ. އެ ދެ މީހުންނަށްވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ނެވެ. އޭގެތެރެއިން އެކަކަށް ފަރުވާދެމުންދަނީ އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގަ އެވެ.
މާލެއާ އައްޑޫގައި މާރާމާރީތައް އިތުރުވެފައިވާތީ، ސަލާމަތީ ކަންކަން ވަރުގަދަކޮށް އިތުރު ފިޔަވަޅުތައް އަޅާފައިވާކަން މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ހާމަކޮށްފަ އެވެ.