މިރޭ ޕީއެންސީ އޮފީސް ހުޅުވުމަށް އެ އޮފީހުގައި ބޭއްވި ޖަލްސާގައި، ޕީއެންސީގެ ރައީސްގެ މަގާމުގައި ވެސް މިވަގުތު ހުންނެވި ރައީސް މުއިއްޒު ވިދާޅުވީ، އެ ޖަލްސާއަށްފަހު ބާއްވާ ސެނެޓު ބައްދަލުވުމަށްފަހު، ކުރިއަށް އޮތް އިންތިހާބުތަކުގައި ޕީޕީއެމް-ޕީއެންސީ އެކީގައި ގުޅިގެން ކުރާ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާވެގެންދާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި، އެކަމަކު އެ ގޮންޖެހުންތަކަކީ ވެސް ލިބޭ ކުރިއެރުމެއް ކަމަށް ބަލައިގެން ދެ ޕާޓީ ގުޅިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މި ޖަލްސާއަށްފަހު ބޭއްވި ސެނެޓު ބައްދަލުވުމުގައި ޕީޕީއެމް-ޕީއެންސީގެ ލީޑަރުގެ މަގާމަށް މުއިއްޒު އައްޔަން ކުރަން ވަނީ ނިންމާފަ އެވެ. ޕީޕީއެމްގެ ކުރީގެ ރައީސް، އަދި އެ ކޯލިޝަންގެ ކުރީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން މިހާރު ގެންދަވަނީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ނެވެ.
ޔާމީން އެ ޕާޓީ ދޫކޮށްލި ނަމަވެސް، ޕީޕީއެމް-ޕީއެންސީގައި ތިބި މުއިއްޒަށް ވަފާތެރި މެމްބަރުންނާއެކު ކޯލިޝަން ދެމެހެއްޓުމުގެ މަސައްކަތް ރައީސް މުއިއްޒު ގެންދަވަނީ ކުރައްވަމުން ނެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރަން ނިންމާފައިވަނީ ދެ ޕާޓީ އެކީގަ އެވެ.
މަޖިލިސް އިންތިހާބުގައި އެ ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
ސެނެޓު ބައްދުލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއަޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މާދަމާ އެ ފުރުސަތު ހުޅާވާލާއިރު ޕްރައިމަރީއަށް ކުރިމަތިލެވޭނީ އަދި ވޯޓުލެވޭނީ ދެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިމަހުގެ 10އަކާ ހިސާބަށް ތިބޭ މެމްބަރުންނަށް ކަމަށެވެ.