އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީން ގޭ ބަންދަށް ބަދަލުކުރީ މިދިޔަ އޮކްޓޯބަރު 1، ގަ އެވެ. އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ލުއިތައް ދިނީ އޮކްޓޯބަރު 28، ވަނަ ދުވަހު އެވެ.
މާލޭ ބަންދަށް ބަދަލުކުރުމާއެކު ޔާމީން، ޕީޕީއެމް އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރެއްވި އެވެ. އެއަށް ފަހު އޮކްޓޯބަރު 30، ގައި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ވެސް ދެއްކެވި އެވެ.
ޕީޕީއެމް-ޕީއެންސީގެ ލީޑަރުގެ މަގާމުގައި މީގެ ކުރިން ހުންނެވި ޔާމީން، ޕީޕީއެމްއިން ވަކިވެވަޑައިގެންނެވީ ރައީސް މުއިއްޒުގެ ސަރުކާރަށް ހަފްތާއެއް ނުވަނީސް މިދިޔަ މަހު 23ގަ އެވެ. އެއާ އެކު، އެމަނިކުފާނު ވަނީ ޕީޕަލްސް ނޭޝަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.
އެހެންވެ، އެ ކޯލިޝަންގެ އާ ލީޑަރުގެ މަގާމަށް ރޭ ވަނީ ރައީސް ޑރ. މުއިއްޒު ހަމަޖައްސައިފަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލުވުމަކަށް ފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ނޫސްވެރިން ވަނީ ރައީސް ޔާމީނާ ގުޅޭގޮތުން އަދުރޭ އާ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ހަމައެކަނި އޭނާ ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމް ދޫކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ. އަދި ޔާމީން މިނިވަން ނުވެ، ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން އޭނާ އަށް ޖަވާބު ނުދެއްވޭނެ ކަމަށެވެ.
ސަބަބަކީ، ރޭ ނޫސްވެރިންނާ ބައްދަލުކުރެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް އެ ކޯލިޝަންގެ ސެނެޓުން ނިންމި ނިންމުންތައް އާންމު ކުރައްވަން ކަމަށް ވާތީ އެވެ.
އަދުރޭ އެފަދައިން ވިދާޅުވުމުން ނޫސްވެރިއަކު ވަނީ ރައީސް ޔާމީން މިނިވަންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމާއި އެ ވައުދު ފުއްދަން މަސައްކަތް ކުރާ ތަނެއް ނުފެންނަ ކަމަށް އަނެއްކާ ވެސް ސުވާލު ކޮށްފަ އެވެ.
ނަމަވެސް އެ ސުވާލަށް އަދުރޭ ޖަވާބެއް ނުދެއްވި އެވެ. އޭނާ ވިދާޅުވީ ޝަރުއީ ދާއިރާއަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ.
ޕީޕީއެމް، ޕީއެންސީގެ މިއަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ފުރަތަމަ ހުންނެވީ ރައީސް ޔާމީން ނަމަވެސް، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެ މަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވިދާނެތީ ޕީއެންސީން ކެންޑިޑޭޓަކު ހޮވަން އެ ކޯލިޝަނުން ނިންމި އެވެ. އޭރު ރައީސް މުއިއްޒު ހުންނެވީ ޕީޕީއެމްގައެވެ. ނަމަވެސް ރިޔާސީ ކެންޑިޑޭޓު ހޮވަން އޮތް ދުވަހު އެ މަނިކުފާނު ޕީއެންސީއަށް ސޮއި ކުރައްވައި، ސެނެޓުގެ ސިއްރު ވޯޓަކުން ޓިކެޓް ކާމިޔާބު ކުރެއްވި އެވެ.
ޑރ. މުއިއްޒަކީ، ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި އިންތިހާބަށް ނެރެން ހަމަޖެއްސި ކޯލިޝަންގެ މައިނޯރިޓީ ޕާޓީ ކަމަށްވާ ޕީއެންސީން ކަނޑައަޅާފައިވާ ބެކްއަޕް ކެންޑިޑޭޓެކެވެ.
ނިމުނު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ވެރިކަމަށް އައުމާ ހަމައަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ. އަދި ޔާމީން މިނިވަންކުރުމުގެ ކަންކަން ކުރައްވާނީ ގާނޫނުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުހާބަތުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަދުގެ ނަތީޖާއަކީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް އަދި ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރުމަކީ ރައީސަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ގައުމުގެ މަސްލަހަތަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލުކުރުމަކީ ގައުމުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތް ފަހުން މިހާތަނަށް ރައީސް ޔާމީން ކުރެއްވި އެއްވެސް ފޯނު ކޯލަކަށް ޖަވާބުދެއްވާފައެއް ނުވެއެވެ.
މިފަހުން ކެބިނެޓުން ބޭއްވި ބައްދަލުވުމެއްގައި ނިންމި ނިންމުންތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ރައީސް މުއިއްޒު އެ މަނިކުފާނުގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ޔާމީނާ އޮތް ގުޅުމަށް ބަދަލު އައިސްފައިވާ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ފުރަތަމަ ތަކުރާރު ކުރެއްވީ، ކުރިން ވެސް އެކަމާ ގުޅިގެން ދެއްކެވި ވާހަކައެކެވެ. އެގޮތުން ގައުމުގެ މަސްލަހަތު އިސްކުރާ ހުރިހާ ބޭފުޅުންނާ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، އެއްވެސް ސިޔާސީ ލީޑަރަކީ ގައުމު އިސްނުކުރާނެ ބޭފުޅަކަށް ވާނެ ކަަމަށް ގަބޫލެއް ނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ބޭނުންކުރެއްވީ ޔާމީނުގެ ނަމާއި ފޮޓޯ އެވެ. ކެމްޕޭނުގައި އެންމެ ގިނައިން ދެއްކެވީ ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކަތަކެވެ. އަދި ވެރިކަމަށް ވަޑައިގަތަސް ޔާމީނަކީ މުހިންމު ބޭފުޅަކަށް ވާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ދޭ ވޯޓަކީ ޔާމީނަށް ދޭ ވޯޓެއްކަން ސިފަވާ ގޮތަށް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.