އަލީ ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހަތް އަހަރާއި ހަތް ދުވަހަށްފަހު މިއަދު އަލުން އެމްޑީޕީ އާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން 2008 ވަނަ ސިޔާސީ ހަޔާތް ފެއްޓެވި އަލީ ވަހީދު ވަނީ އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. އަދި ޖެހިގެން އައި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޑީއާރުޕީގެ ފަރާތުން ވާދަކުރައްވާ ތޮއްޑޫ ދާއިރާގެ މެމްބަރުކަމަށް އޭނާ އިންތިހާބުވެ ވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި ވާދަވެރި އިދިކޮޅު ޕާޓީގެ މެންބަރަކަށް ހުންނަވާ ރައީސް މުހައްމަދު ނަޝީދުގެ އެޑްމިނިސްޓްރޭޝަނުގައި އަލީ ވަހީދު ވަނީ އެމްޑީޕީ އާ ގުޅިވަޑައިގެންފަ އެވެ. އެ ޕާޓީގެ އާންމު މެންބަރުންގެ ބޮޑު ތާއީދަކާ އެކު އޭނާ ވަނީ އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާފަ އެވެ.
އެހެންނަމަވެސް، އަލީ ވަހީދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފަ އެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ޖޭޕީއަށް ހާއްސަ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަމަށް އަލީ ވަހީދު ވަޑައިގެންނެވި އެވެ. އެ މަގާމުގައި ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރައީސް ސޯލިހު ވަނީ އޭނާ ހުރި މަގާމުން ވަކިކުރައްވާފަ އެވެ.
އެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އޭނާ ވަނީ ބޭރަށް ފުރާވަޑައިގެންފަ އެވެ. އޭނާ އެނބުރި ރާއްޖެއަށް ވަޑައިގެންފައި ވަނީ ކުރެވުނު ދައުވާތައް އަނބުރާ ގެންދިއުމުން މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އޭނާ އިނގިރޭސިވިލާތުގައި އުޅުއްވި ދުވަސްވަރު އެ ގައުމުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމަށް ބުނެ، ހައްޔަރުކޮށް ވަގުތީ ބަންދެއްގައި ވެސް ބެހެއްޓި އެވެ. އެހެންނަމަވެސް އެ މައްސަލައިގައި އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމުން އިނގިރޭސި ސަރުކާރުން ވަނީ އޭނާގެ އަރިހުން މާފަށް އެދިފަ އެވެ.
ރާއްޖެއަށް އެނބުރި ވަޑައިގެން ޖޭޕީގެ ސިޔާސީ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވި އަލީ ވަހީދު އެ ޕާޓީން ވަކިވެވަޑައިގެންފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރެއްވި ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓްކަން ކުރައްވާފަ އެވެ.