ads
ގެއްލިގެން ހޯދަމުންދާ މުއްރަތު އަލީ - ފޮޓޯ:ފުލުސް
30 އަހަރުގެ ޒުވާނެއް ގެއްލިގެން ހޯދަނީ
ތިރީސް އަހަރުގެ ޒުވާނަކު ގެއްލިގެން ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ހޯދަމުން އަންނަނީ ނ. މިލަދޫ / ގުމުރީގޭ މުއްރަތު އަލީ ނަމަކަށް ކިޔާ 30 އަހަރުގެ ޒުވާނެއް ކަމަށެވެ. އާއިލާއަށް ހަބަރެއްނުވެ އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުނެ އެވެ.

އެ ޒުވާނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާއަކީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ މީހެކެވެ. އަދި އޭނާ އެންމެފަހުން ފެނިފައި ވަނީ މިދިޔަ އާދިއްތަ ދުވަހު 17:00 އެހާކަންހާއިރު އެ ކޮޅުވެއްޓީގައި، ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ލައިގެން ހުއްޓާ ކަމަށް އާއިލާ އާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ނ. މިލަދޫ ކައުންސިލުގެ ރައީީސް އަބްދުލް މަޖީދު މުހައްމަދު "ސީއެންއެމް" އަށް ވިދާޅުވީ، ގެއްލިގެން ހޯދާ މުއްރަތަކީ މީގެކުރިން ރަށުގައި އުޅުނުއިރު އެކި ފަހަރު މަތިން ގެއްލިގެން ހޯދަން ޖެހުނު މީހެއް ކަމަށެވެ. މީގެ އިތުރުން މުއްރަތަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ނުވަތަ ޖިންނި އަވަލުމުގެ ކަންތައް ދިމާވެފައި ހުރި މީހެއް ކަމަށް ފާހަގަވެފައިވާ ކަމަށް މަޖީދު ވިދާޅުވި އެވެ.

"(އޭރުވެސް) އޭނާ ފިލަނީކީ ނޫން. ޖިންނި ކަންތައްގަނޑުގައި ދޭތެރެދޭތެރެއިން ގެއްލެނީ… ގެއްލިގެން ހަމަ ރޭގަނޑުވެސް ނުކުމެ އަތިރިމަތިންނާއި ވަލުތެރެއިން ހޯދަނީ" މުއްރަތާ ބެހޭގޮތުން މަޖީދު ވިދާޅުވި އެވެ.

މުއްރަތާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް