
ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ހިންގާނީ ކޮރަޕްޓްނުވެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މި ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަރާތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ފަސްނުޖެހި އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވެފައި ވަނީ މި ކަމުގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނޯންނާނެ ކަމަށެވެ.
ކޮރަޕްޝަނާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް އިލްމީ ފެންވަރެއްގައި ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އދ. ގެ ކޮރަޕްޝަނާ ބެހޭ ގަރާރުގައި ރާއްޖޭން ސޮއިކޮށްފައި ވަނީ 2007 ވަނަ އަހަރު އެވެ. އޭގެފަހުން ރާއްޖޭގައި ރަސްމީ ސިފައެއްގައި ވަނީ މި މަސައްކަތް ކުރަން ފަށާފަ އެވެ. އެގޮތުން އެ އަހަރު ރާއްޖޭގެ ގާނޫނުއަސާސީން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ މުއައްސަސާއެއް އުފެއްދި އެވެ. މި މުއައްސަސާއިން ވަނީ ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މީގެން ލިބިދޭ ފިލާވަޅަކީ ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ހަރުގަނޑާ ދިމާއިން މައްޗަށް އެރުނު ވަރަކަށް އަމާނާތްތެރިކަމާ ތެދުވެރިކަމުގެ މަގަށް ފަރުވާތެރިވާން ޖެހޭ ކަން ކަމުގަ އެވެ. އަބަދުވެސް އެމަގުން ހިނގުމަށް ފައިތިލަ ސާބިތުކުރަން ޖެހޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އެ މީހަކީ އިހުލާސްތެރި ދީންވެރި ހިތެއްގެ ވެރިއަކަށް ވެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މި އަހަރުގެ ކޮރަޕްޝަނާ ދެކޮޅަށް އޮތް ޝިއާރަކީ "ޔުނައިޓިންގް ދަ ވޯލްޑް އަގެއިންސްޓް ކޮރަޕްޝަން" މި ޝިއާރެވެ. މި ޝިއާރުން އެނގެނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި މުޅި ދުނިޔެ އެކައްޗަކަށް ވާން ޖެހޭ ކަމެވެ.