އެވޯޑު ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ސީ.އެޗް.އެސް.އީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ.
މިއަހަރު އެވޯޑު ހާސިލްކުރި 4 ދަރިވަރުން:
1. އިބްރާހިމް ރިފާއު
2. ހަސަން ލާޔާން މުހައްމަދު
3. އަފާފް އަހުމަދު މުސްތަފާ
4. އައިޝަތު އީޝަލް އަހުމަދު އަސްލަމް
އެމް.އޭ.ސީ.އެލް މެރިޓް އެވޯޑަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ސީ.އެޗް.އެސް.އީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ އަންހެން 2 ދަރިވަރަކަށާއި ފިރިހެން 2 ދަރިވަރަކަށް ދޭ އެވޯޑެކެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވިދާޅުވީ، މިއީ އެ ސްކޫލުގެ ދަރިވަރުންނަށް ކުންފުންޏަކުން އިސްނަގައިގެން އެފަދަ އެވޯޑެއް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ. އަދި މިފަދަ އެވޯޑެއް ސުކޫލަށް ތައާރަފްވެގެން ދިއުމުން އެވޯޑު ހާސިލްކުރި ކުދިންގެ އިތުރުން ދެން ތިބި ދަރިވަރުންނަށް ވެސް ކިޔެވުމާއިގެން ކުރިއަށްދިއުމަށް އިތުރު ހިއްވަރެއް ލިބިގެން ދާނެކަމަށް ސަފޫރާ ފާހަގަކުރެއްވި އެވެ.
މެރިޓް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މިއެވޯޑަކީ އެމް.އޭ.ސީ.އެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ތައުލީމް ކުރިއެރުވުމަށް ކުންފުނިން ކުރާ ހޭދައެއްކަމަށެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމުގައި އައު ހިތްވަރެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.
މިއެވޯޑާއެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުން، ޑާޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސެއް އެއްއަހަރު ދުވަހަށް ލިބޭނެ އެވެ. އަދި މިއެވޯޑު ލިބުނު ދަރިވަރުންނަށް އެމްއޭސީއެލްއިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
އެމް.އޭ.ސީ.އެލް މެރިޓް އެވޯޑުގެ އިތުރުން އެ ސްކޫލުގެ ބެސްޓް އޯލް ރައުންޑަށް ފައިސާގެ އިނާމު އެމްއޭސީއެލް އިން ދަނީ މިއަހަރުން ފެށިގެންދަނީ ދެމުންނެވެ. އަދި މިކަން 3 އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައި މިއަހަރުގެ ޖުލައި މަހުގައި އެކުންފުންޏާއި އާއި ސީއެޗްއެސްސީ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެމް.އޭ.ސީ.އެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިތުރުން ގައުމަށް ބޭނުންވާ ހިންގުންތެރި އިސްވާރުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެކުންފުނިން ބުނެ އެވެ.