ads
ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
އިންޑިއާ ކަނޑުގެ ސަރަހައްދަކީ ފުދުންތެރި ތަނަކަށް ހަދަން މިއޮތީ ތައްޔާރަށް
އިންޑިއާ ކަނޑުގެ ސަރަހައްދަކީ ވިލުންތެރި އަދި ފުދުންތެރި ސަރަހައްދަކަށް ހެދުމަށްޓަކައި ތަޖުރިބާ ހިއްސާކުރުމަށާއި އެކުގައި މަސައްކަތްކޮށް ހަރުދަނާ ގުޅުންތަކެއް ގާއިމުކުރުމަށް ދިވެހިރާއްޖޭން ތައްޔާރަށް އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތައް ގުޅިގެން އިގުތިސޯދީ ތަރައްގީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ފޯރަމުގެ ދެވަނަ ބުރެވެ.

މި ފޯރަމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ރާއްޖެ ޕްރޮމޯޓްވުމަށްފަހު، އިންޑިއާ ކަނޑުގެ ސަރަހައްދާއި އެނޫންވެސް ސަރަހައްދުތަކުގެ ގައުމުތަކާ ގުޅިގެން ސަރަހައްދީ ކުރިއެރުމަށާއި ސުލްހަމަސަލަސްކަމަށް ރާއްޖޭން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުޖުތަމައާ ގާތްގުޅުމެއް އުފައްދައި މަޝްވަރާއަށް އިސްކަންދީ، ސުލްހަވެރިކަމާއި އެކުވެރިކަމާ އެކު ދެމިތިބެ އެއް އަމާޒަކަށް މަސައްކަތްކުރުމަށް ރާއްޖޭން އަބަދުވެސް ބާރުއަޅަމުން އަންނަ ކަމުގައި ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވެފައި ވަނީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ގައުމެއް ކަމަށާއި ދެ ގައުމުންވެސް، އިޖުތިމާއީ ތަރައްގީ އާއި ސުލްހަމަސަލަސްކަމާއި ތަނަވަސްކަން އިތުރު ކުރުމުގެ މަގުސަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ، ޗައިނާ އާއި ރާއްޖެ އާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ސަރުކާރެއް ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ދެ ގައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިހުތިރާމާއި ދެ ގައުމުން ހިއްސާކުރާ ވަކި އަމާޒުތަކަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމުގަ އެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ ދެ ގައުމަށްވެސް ފައިދާކުރަނިވި އެކިއެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ސަރަހައްދުގެ ނުވަދިހަ ނުވަ އިންސައްތައަކީ ކަނޑުގެ ސަރަހައްދުކަމާއި ހިކިފަސް ތަންތަނުގެ ގޮތުގައި ހިމެނެނީ އެންމެ އިންސައްތައެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ކަނޑާ ގުޅިފައިވާ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމާއި ރަށް ގިރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައްފަދަ ގެއްލުންތަކަކީ ރާއްޖޭން ތަޖުރިބާކުރަން ޖެހޭ ކަންތައްތައްކަން ފާހަގަކުރައްވާފަ އެވެ. ނައިބު ރައީސް ވިދާޅުވީ ދިވެހިން ދިރިއުޅުމަށް ކުރާ މަސައްކަތް ގުޅިފައިވަނީ ކަނޑުގެ ދިރުންތަކާއި އަދި ނޫ އިގުތިސޯދާ ކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަކީ ކަނޑުގެ ދުޅަހެޔޮކަމުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތައް ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއްގެ ވެރި ގައުމެއް ނަމަވެސް ރާއްޖެއަކީ ވިލުންތެރި އަދި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރަމުން އަންނަ ގައުމެއްކަން ފާހަގަކުރެއްވި އެވެ. އަދި އާންމު މުޖުތަމައުތަކަށާއި ތިމާވެއްޓަށް އޭގެ ފައިދާވާ ގޮތަށް ކަނޑުގެ ދިރުންތަކުގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އީޖާދީ ގޮތްތައް ހޯދުމަށް ރާއްޖޭން މަސައްކަތް ކުރަމުން އަންނަ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ މި ފޯރަމަކީ ހިޔާލު ބަދަލުކޮށް، ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާ އެކު މި ސަރަހައްދުގެ މުސްތަގުބަލު ބައްޓަންކުރުމަށް ލިބޭ މުހިންމު ފުރުސަތަކަށްކަން ޔަގީންކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް