އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ކުރާ ލަމްހާ ދޫކޮށްލިއިރު، އޭނާ ބަންދުކޮށްފައި ހުންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
އޭނާ ތިން މަސް ދުވަހަށް ދޫކޮށްލި މައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓަށް އެ މައްސަލަ ބަލައިގަނެ އަންނަ ހަފްތާގައި މައްސަލަ ފެށުމަށްވަނީ ތާވަލުކޮށްފައެވެ. ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުން މައްސަލަ ފަށާނީ އަންނަ އާދިއްތަ ދުވަހު ހެނދުނު، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.
ލަމްހާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކު ތިން މަސް ދުވަހުގެ މުއްދަތަށެވެ. ޑިސެމްބަރު، 2021 ގައި ހައްޔަރުކުރި ލަމްހާ ބަންދުން ދޫކޮށްލަން ކޯޓުން ޝަރުތުކޮށްފައިވަނީ ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ކަންކަމަށެވެ.
ދައުލަތުން ކުރީގެ އަޑުއެހުމުގައި ބުނެފައިވަނީ އެ މީހުން ބަންދުކުރި ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެހެންވެ ލަމްހާ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ލަމްހާގެ ފަރާތުން ބުނެފައިވަނީ މުޖްތަމައުގެ ހައްގުގެ އިތުރުން ފަރުދީ ހައްގުތަކެއް ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށާއި ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ. އެ ކަންކަމަށް ޖަލުގައި ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ