
ކުރީ ސަރުކާރުން ހަދަން ފެށި އަމީނީމަގުގެ ނުނިމި މިހާރު އޮތީ އިއްޒައްދީން މަގު، ދިވެހިރާއްްޖޭގެ އަޑާއި ހިސާބުން ފެށިގެން ބޮޑުތަކުރުފާނު މަގު އަޖީއެމްއެޗާއި ދެތެރޭ އޮތް ސަރަހައްދެވެ. އާރުޑީސީން އޭރު ބުނީ އެ ސަރަހައްދުގެ މަސައްކަތް ހުއްޓާލީ ރިޔާސީ އިންތިޚާބާއި ދިމާކޮށް އެ މަސައްކަތް މަޑުޖައްސާލަން އިލެކްޝަންސް ކޮމިޝަނުން އެދިގެން ކަމަށެވެ.
އަމީނީމަގުގެ ނުނިމި އޮތްބައިގެ މަސައްކަތް ފެށުން: ފޮޓޯ/ ސީއެންއެމް
އަމީނީމަގުގެ ނުނިމި އޮތް ދެބައިގެ މަސައްކަތް ފެށީ މިއަދު ހެނދުނު 6 ޖަހާކަންހާއިރުއެވެ. މަސައްކަތް ފެށިތަނަށް އާރުޑީސީގެ ވެރިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މުވައްޒަފުން ނުކުމެ ތިއްބެވެ.
އަމީނީމަގުގެ ނުނިމި އޮތް ތަންކޮޅުގެ މަސައްކަތް ފެށުމުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށްވެސް ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުންް ބުރުޒުމަގު ރައީސް މުއިއްޒުގެ ގެކޮޅު ހުންނަ ސަރަހައްދުންް މިހާރު ދުއްވޭނީ މާފަންނުން ހެންވާރާ ވީކޮޅަށެވެ.
ބުރުޒުމަގުގެ ޓްރެފިކަށް ގެނައި ބަދަލު: ފޮޓޯ / ސީއެންއެމް
އާރުޑީސީން ބުނީ މި މަސައްކަތް ކުރިޔަށް ގެންދާނީ ކުރިން ރޭވިފައިވާ ސްކޯޕާއި އެއްގޮތަށްކަމަށެވެ. އަދި މަސައްކަތް ކުރިޔަށް ގެންގޮސް ނިންމާނެ ޓައިމްލައިންތައް ފަހުން ބުނާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އަމީނީމަގުގެ މަސައްކަތް ކުރިޔަށްް ދާނީ ކުރިން އޮތްގޮތަށްް ކަމަށް އެ މަސައްކަތް ކުރާ އާރުޑީސީން ބުނާއިރު ކުރީ ސަރުކާރުން މަގު ހަދަމުން އައި ގޮތުން އެ މަގުގައި ތޮއްޖެހުން ބޮޑުވެ އިތުރަށް ގޯސްވާނެކަމަށް ވިދާޅުވެ އޭރު މޭޔަރުކަމުގައި ހުންނަވާ ޑރ. މުއިއްޒު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަމީނީމަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް އެމަގު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީން ފެށީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ މިއަހަރުގެ މޭމަހުގެ ނިޔަލަށް ނިންމަންޖެހޭ ގޮތަށެވެ. އެހެންނަމަވެސް އެ ތާރީހަށް މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުން ގިނަ ބައެއްގެ ފާޑިކުޔުން ކުރީ ސަރުކާރަށް އަމާޒުވިއެވެ. އޭރު އާރުޑީސީން ބުނީ މަސައްކަތް ލަސްވީ ވިއްސާރަވެ މޫސުން ގޯސްވުމުން ކަންކަމަށްް ބަދަލުތަކެއް ގެންނަޖެހުމުން ކަމަށެވެ.