
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ގެންދަވަނީ ގއ، ގދ އަށްް ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުގައި ގއ. ވަޑައިގަތުމުން ޝަހީމަށް މަރުހާބާ ކިޔަން ނުކުތް ތަނަށް ބަޔަކު މީހުންވަނީ ރައީސް ޔާމީންގެ ނަންޖެހި ހުސްގޮނޑި ހިފައިގެން ނުކުމެފައެވެ. އެމީހުން ގޮވަމުންދިޔައީ އެގޮނޑި މަތިން މިހާރު ސަރުކާރުން ހަނދާން ނެތިއްޖެކަމަށެވެ.
ވަޒީރުގެ ދަތުރުގެ މައުލޫމާތުތައް ގެނެސްދޭ އިސްލާމީ ކަންްތައްތަކާއި ބެހޭ ވުޒާރާއިން ބުނާގޮތުން ޑރ. ޝަހީމްގެ މި ދަތުރުގައި ކުރައްވާކަމަކީ ކުރީ ސަރުކާރުން އެ އަތޮޅުގެ ރަށްތަކުގައި ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމެވެ.
ޑރ. ޝަހީމް، ގއ. ކޮނޑޭގައި އަލަށް އިމާރާތްކުރާ މިސްކިތަށް ޒިޔާރަތްކުރެއްވުން. ފޮޓޯ / އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
2018ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ހުންނެވި ޑރ. ޝަހީމަކީ އޭރު ރައިށް ޔާމީން ރައްދުވި ފާޑުކިޔުންތައް ދިފާއުކުރެއްވުމުގައި އެންމެ ކުރީގައި މަސައްކަތް ކުރެއްވި އެއް ބޭފުޅާއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ޑރ މުއިއްޒު ކެމްޕެއިންގެ ތެރޭގައި ކުރެއްވި ދަތުރުފުުތަކުގައި އެންމެ ބޮޑަށް ބޭނުންކުރެއްވި އެކައްޗަކީ ރައީސް ޔާމީންގެ ނަންޖަހާފައި ކޮންމެ ޖަލްސާއެއްގައި ބެހެއްޓި ހުސް ގޮނޑިއެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށްޓަވާފައެވެ.
ރިޔާސީ އިންތިޚާބަށް ފަހު ސަރުކާރުގެ ވަޒީރުން ބައެއް ރަށްތަކަށް ކުރައްވާ ދަތުރުތަކުގައި ރައީސްް ޔާމީންނަށް ތާއިދުކުރާ އާއްމުން އަންނަނީ އެމަނިކުފާނުގެ ނަންޖެހި ހުސްގޮނޑި ހިފައިގެން ނުކުމެ ސަރުކާރަށް ފާޑުކިޔަމުންނެވެ.