އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ފޯރި މިހާރު ވަނީ ގަދަވާން ފަށާފައެވެ. އިންތިހާބުގައި ވާދަކުރާނެކަން އެކި ފަރާތްތަކުން އިއުލާންކޮށް ޕޯސްޓަރުތައްވެސް ދަނީ އާއްމުކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްް އިސްމާއީލް ހަބީބް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހަކަށް އަމިއްލަ ގޮތުން ވާދަކުރެވޭނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ މީހަކު އެޕާޓީއެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނޫންކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރާ ނަމަ، ބޭނުންވާނީ އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު ހުށަހަޅާކަމުގެ ގަރާރުކަމަށެވެ. އަދި އަމިއްލަގޮތުން ވާދަކުރައްވާ ނަމަ، ބޭނުންވާނީ، އެ ދާއިރާ އަކުން އެ މީހަކަށް ތާއީދުކުރާ 50 މީހުންގެ ސޮއިކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ޕްރައިމެރީ ބާއްވާނެ ތާރީހު މިހާތަނަށް އިއުލާންކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީ / ޕީޕީއެމް ކޯލިޝަނުން އެކަންޏެވެ. އެޕާޓިން ވަނީ ޕްރައިމެރީ މިމަހުގެ 23ގައި އޮންނާނެކަން އިއުލާންކޮށްް އަންނަ ހޯމަދުވަހުގެ ކުރިން ނަން ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.
އަންނަ މަޖިލީހުގެ ވޯޓްލުން އޮންނާނެ ދުވަހެއް އަދި އީސީން ހާމަކޮށްފައެއް ނުވެއެވެ. އެ ކޮމިޝަނުން ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެދޭއިރު މަޖިލީހުގެ ކޮމެޓީން ވަނީ އެ ދުވަސް ރޯދައިގެ ފަހަށް ހެދުމަށްް ފާސްކޮށްފައެވެ.
މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުން މަޖިލީހުގެ ދައުރު އަންނަ އަހަރުގެ މޭ 28 ގައި ހަމަވާނެއެވެ. މި ދައުރަށް މެމްބަރުން ހޮވުމަށް އިންތިހާބު ބާއްވާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް 6 ވަނަ ދުވަހުއެވެ.