ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބު ބާއްވާތާ 60 ދުވަހުގެ ތެރޭގައި ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓު މެދުވެރިކޮށް އިލެކްޝަން ކޮމިޝަނަށް މާލީ ބަޔާންތައް ހުށަހަޅަން ޖެހެ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވާ އެހެން ކެންޑިޑޭޓުން ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ބަޔާން ހުށަހަޅުއްވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އެހެންކަމުން ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވާން އޮތީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހަށެވެ.
ހަބީބު ވިދާޅުވެފައިވާ ގޮތުގައި ރައީސް މުއިއްޒާއި ރައީސް ސޯލިހުވެސް އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅުއްވި ކަމަށެވެ. އީސީން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ހާމަކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.