ads
ށ. މިލަންދޫ
ދެ ނަމާދު ދޭތެރޭ ވައްކަން ކުރާ މީހަކު ޖޫރިމަނާކޮށްފި
ދެ ނަމާދު ދޭތެރޭގައި ވައްކަން ކުރާ މީހަކު، އުތުރުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން ޖޫރިމަނާކޮށްފި އެވެ.

ށ. އަތޮޅު މިލަންދޫގައި ހިނގި މި ހާދިސާ އާ ގުޅިގެން، އެ ރަށު ފިރިހެނެއްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ވައްކަން ކުރަން އުޅުމުގެ ކުށުގެ ދައުވާއަކާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.

މި ދެ މައްސަލައިގެ ޝަރީއަތުގައިވެސް ދައުވާ ލިބޭ މީހާ ވަނީ ދައުލަތުން ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން މައްސަލަ ސާބިތު ކުރީ ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގަ އެވެ.

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުވާ ލިބުނު މީހާ ވަނީ އެކި ދުވަސް މަތިން، ދެ ނަމާދު ދޭތެރޭ މިލަންދޫގައި ހުންނަ ފިހާރައަކުން ވައްކަން ކޮށްފަ އެވެ. ވައްކަން ކުރަނީ، ފިހާރަ ބަންދު ކޮށްފައި ދިޔުމުން ފިހާރަ ހުންނަ ގެއަށް ވަދެ އެ ގޭ ތެރެއިން ތަޅުދަނޑި ނަގައިގެންނެވެ.

މި ދެ މައްސަލައިގެ ތެރެއިން، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވެ، އެ މީހާގެ މައްޗަށް 10،800 ރުފިޔާގެ ޖޫރިމަނާއެއްކޮށް، 480 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށް ހުކުމް ކުރި އެވެ. އަދި ވައްކަން ކުރަން އުޅުމުގެ ކުށުގެ ދައުވާ ސާބިތުވެ، 4،500 ރުފިޔާއިން ޖޫރިމަނާކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް