ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު "ސީއެންއެމް" އަށް ވިދާޅުވީ މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ވީއެފްޑީ ޑްރައިވެއް ޓެސްޓް ކުރުމަށްފަހު މިއަދު މެންދުރުފަހު ތިނެއް ޖަހާއިރު ފުވައްމުލަކަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓެއް އައްޑޫއަށް ޑައިވާޓްކުރުމަށް ފަހު އެ ޑްރައިވް ފޮނުވިފައިވާ ކަމަށެވެ. މި ޑްރައިވް ލިބި، އިންސްޓޯލްކުރެވުނުހާ އަވަހަކަށް އައްޑޫއަށް ފެން ފޯރުކޮށްދޭން ފެށޭނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވެފައި ވަނީ މިފަދަ މައްސަލައެއް ކުއްލިއަކަށް ދިމާވާން މެދުވެރިވީ ނިމިދިޔަ ސަރުކާރުގެ އިހުމާލުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ އައްޑޫގެ ފެނާއި ނަރުދަމާގެ ހާލަތު އެ ވަގުތު ހުރި ގޮތާ އަދި ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަކޮށް ރިޕޯޓެއް ނެރެފައި ކަމަށް އޭނާ ވިދާޅުވި އެވެ. މުއާޒު ވިދާޅުވި ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ހައްލު ކުރުމުގެ މަސައްކަތް ކޮށްފައި ނުވާ ކަމުގަ އެވެ.
މިފަދަ ކަންކަން ތަކުރާރު ވިޔަނުދިނުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
އައްޑޫން ފެން ކެނޑިފައި ވަނީ އާރުއޯ ޕްލާންޓުގެ ޑިވައިސްއަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. މުއާޒު ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ވީއެފްޑީ ޑްރައިވެއް އިއްޔެވެސް ފޯރުކޮށްދީފައި ވާނެ ކަމަށެވެ.
އައްޑޫ ސިޓީން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.