ads
ސިވިލް ކޯޓް - ފޮޓޯ:ރާއްޖެއެމްވީ
މާލޭ މީހަކަށް ގޯއްޗެއް ދޭން ހުކުމްކޮށްފި
ބިންވެރިޔާ ސްކީމުގެ ދަށުން، މާލޭގެ ރަށްވެހިންނަށް ގޯތި ދޭން ހުޅުވާލުމުން ކުރިމަތިލި މީހެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ކުރީ ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

މިއީ، ފާތިމަތު އަހުމަދު ކިޔާ އަންހެނަކު ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ އޭނާއަކީ މާލޭގެ ރަށްވެއްސެއް ކަމަށް ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ނަން ލިސްޓުގައި ހިމަނާފައި ނެތުމުންނެވެ. ވަގުތީ ލިސްޓުގައި އޭނާގެ ނަން ނެތުމުން މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީ އާއި އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހެޅި އެވެ. އޭނާ އުފަންވެފައި ވަނީ ހ. މަދަރާގެގަ އެވެ.

ނަމަވެސް، އޭރުގެ ޕްލޭނިން މިނިސްޓްރީން އޭނާގެ ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމި ނިންމުން ނަފީ ކުރެވޭ ފަދަ ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެ އަންހެން މީހާގެ ނަން ދާއިމީ ލިސްޓުގައި ނުހިމަނަ އެވެ. ސަރުކާރުން އޭރު ކަނޑައެޅި އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެއްސެއްކަން ހިނދުކޮޅަކަށްވެސް މެދުކެނޑިފައިވާ ނަމަ ޝަރުތު ހަމައެއް ނުވެ އެވެ.

ފާތިމަތުގެ ޝަރުތު ހަމަނުވާ ކަމަށް ވެސް ކަނޑައެޅީ އެކަމަށް ބަލާފަ އެވެ. މ. މުލަކު ގެއަކަށް އޭނާ ރަޖިސްޓާވެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. އެކަމާ ގުޅޭ ލިޔުމެއްވެސް ދައުލަތުން ހުށަހެޅި އެވެ. ނަމަވެސް، ފާތިމަތު ބުނަމުން ދިޔައީ އޭނާއަކީ އަބަދުވެސް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ހުރި މީހެއް ކަމަށެވެ.

އެ މައްސަލާގައި ފާތިމަތު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމުގައި ބުނީ އޭނާގެ އުމުރުގެ 54 އަހަރުވެސް ހޭދަކޮށްފައިވަނީ މާލޭގެ ރަށްވެއްސެއްގެ ގޮތުގައިކަން އެނގެން އެބައޮތް ކަމަށާއި ރާއްޖޭގެ އެހެން ތަނެއްގައި އޭނާ ރަޖިސްޓްރީވެފައިވާ ކަމެއް އެނގެން ނެތް ކަމަށެވެ.

އެހެންކަމުން، މާލޭގެ އެހެން ރަށްވެހިންނަށްވެސް ލިބުނު ފުރުސަތު ފާތިމަތަށްވެސް ލިބެން ޖެހޭނެކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އޭނާއަކީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ކަމަށް ކަނޑައަޅައި، އުސޫލުގެ ތެރެއިން ގޯތި ދިނުމަށް ވަނީ ހުކުމްކޮށްފަ އެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް