ރައީސް މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
މިއީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ބަޔާންކުރައްވާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަންކަމެވެ.
ރައީސް އޮފީހުން ބުނީ ދިވެހިބަހާއި ސަގާފަތާއި ތަރިކަ އާ ބެހޭ ވުޒާރާއިން އިސްވެ ހިންގާ މި ނިޒާމުގެ ތެރެއިން ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތަކީ މި ދާއިރާއިން އިލްމީ ގާބިލު ބަޔަކު އުފެއްދުން ކަމަށެވެ. އަދި ދިރާސާވެރީން ހޯދައި ކިޔަވައިދިނުމާއި ދިވެހި އަމިއްލަވަންތަކަމުގެ އިލްމީ ގާބިލުކަން މީހުންގެ ކިބައިގައި އަށަގެންނެވުމަކީވެސް ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒުގެ ދައުރަކީ ދިވެހިވަންތަކަމުގެ އިލްމެއް އުފަންކޮށް އިއާދަކޮށް ދެމެހެއްޓުމުގައި ދެމިއޮތުން ކަމަށެވެ. އެގޮތުން، ދިވެހި ގައުމިއްޔަތު އިއާދަކުރުމަށް ބޭނުންވާ އިލްމީ މައުލޫމާތުތައް އެއްކުރުމާއި ދިރާސާކޮށް އިލްމީ ލިޔުންތައް އެކުލަވާލުމާއި ދިރާސާތައް ޝާއިއުކުރުމާއި ގައުމިއްޔަތުގެ އިލްމީ ކޮންފަރެންސްތައް ބޭއްވުމާއި އަދި ގައުމިއްޔަތުގެ އިލްމަށް ހޭލުންތެރިކުރުވުން މީގެތެރޭގައި ހިމެނޭ ކަމަށް އެ އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މިއަދު އުފައްދަން ނިންމެވި ދިވެހި ގައުމީ ޗާޕުހާނާގެ ދައުރަކީ މި ނިޒާމުން އުފައްދާ ދިވެހީންގެ ދިވެހި އުފެއްދުންތައް އާންމުކޮށް ފެތުރުން ކަމުގަ އެވެ.