ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް، މަސްވެރިކަމާ ގުޅޭ ދާއިރާތަކުން ތައުލީމާއި ތަމްރީނު ދެވޭނެ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މިގޮތުން މިފްކޯއަކީ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރުމާ އެކު، އެ ކުންފުނީގެ ހިންގުމުގައި މަސްވެރިންގެ ބައިވެރިވުން އިތުރުވާނެ ގޮތަށް ސިޔާސަތު ކަނޑައެޅިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އޭގެތެރޭގައި މަސް ކިރުމާއި މަހުގެ އަގު ކަނޑައެޅުމުގައި މަސްވެރިންނާ ގާތުން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށާއި މި ސިނާޔަތް ކުރިއެރުވުމަށް ސަރުކާރާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ދަނީ ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް މިނިސްޓްރީން ވަނީ އިހްލާސްތެރި ޝުކުރެއް ރައްދުކޮށްފަ އެވެ.
މީގެއިތުރުން އައިސް ނުލިބުމުގެ މައްސަލަ އާއި ބާނާ މަހަށް ފައިސާ ނުލިބި ލަސްވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން މަސްވެރިންނަށް ނުލިބި ހުރި ފައިސާގެ ތެރެއިން 67 އިންސައްތަ މިހާރުވެސް ދީފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި މިވަގުތު ހިދުމަތް ހުއްޓިފައިވާ އައިސް ޕްލާންޓްތައް އަލުން އިއާދަކޮށް އައިސް ލިބުމުގެ ދަތިތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މަސްވެރިން ބާނާ މަސް ރާއްޖޭގައި ރައްކާ ކުރެވޭ މިންވަރު ދެ ގުނަ އިތުރުކުރުމާއި މަސްވެރިންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މަސް އައިން ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޒަމާނީ ޓެކްނޮލޮޖީގެ ނިޒާމެއް އެކަމަށް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ނުހަނު އިސްކަންދީގެން ކުރާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން މަސްވެރިން އެންދެމުމުގައި ރައްކާތެރި އާލާތްތަކާއި ފީނުމުގެ ތަޖުރިބާނެތި ފީނުން ފަދަ ނުރަނގަޅު އާދަތަކުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ދިމާވާކަން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ކޮންމެ މަސް ދޯންޏަކީވެސް ފީނުމުގެ ތަޖުރިބާ އާއި ރެސްކިއު ޑައިވިން ކޯސް ފުރިހަމަކޮށްފައިވާ ފަޅުވެރިން ތިބޭ ދޯންޏަކަށް ހެދުމުގެ މަސައްކަތް، ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޝިއާރަކީ "ޒުވާން ހުނަރުވެރި މަސްވެރިން - މަސްވެރިކަމުގެ އުންމީދު" އެވެ.