އާދިއްތަ ދުވަހު ގްރެނާޑާގެ ދަނޑުގައި ކުޅުނު މެޗު ހުއްޓާލީ މެޗު ފެށުނުތާ 17 މިނިޓް ފަހުންނެވެ. އޭރު އެއް ލަނޑުން ކުރީގައި އެތްލެޓިކް ބިލްބާއޯއެވެ.
މި މެޗުން ހޯމަ ދުވަހު އަލުން ކުޅެން ވަނީ ނިންމާފައެވެ. އަލުން ކުޅޭއިރު މެޗު ފަށާނީ ހުއްޓާލި އިރު އޮތް ނަތީޖާއިން، 17 ވަނަ މިނިޓާ ހިސާބުންނެވެ.
މި މެޗު ހިނގަމުން ދަނިކޮށް ހިތްހުއްޓިގެން މަރުވީ، ގްރެނާޑާގެ ސީޒަން ޓިކެޓް ހޯލްޑަރެކެވެ. މި ހާދިސާ ދިމާވުމާއެކު ޕެރަމެޑިކްސް އިން ކާޑިއަކް އެރެސްޓް ޖެހިފައިވާ ގްރެނާޑާގެ ސީޒަން ޓިކެޓް ހޯލްޑަރަށް ފަރުވާ ދޭން ފެށިއެވެ. އަވަސް ފަރުވާއަށް ފަހު، އެ މީހާ ހޮސްޕިޓަލަށް ގެންދަން ނިންމިތާ އިރުކޮޅެއްގެ ތެރޭގައި އެ މެޗު އެ ހިސާބުން ހުއްޓާލައި އަލުން ކުޅޭނެކަން ދަނޑުގައި އިއުލާން ކުރިއެވެ.