ads
މާޒިޔާގެ ކޯޗު މިލޯ
ވަރުގަދަ ލީގެއް ނެތި މިކަމެއް ނުވާނެ: މިލޯ
ރާއްޖޭގައި ވަރުގަދަ ލީގެއް ނެތި، އޭއެފްސީ ކަޕްގައި ކާމިޔާބެއް ނުހޯދޭނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

އޭއެފްސީ ކަޕުގައި މި އަހަރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު މެންދުރު ފަހު، މާޒިޔާއިން އިންޑިޔާގެ ގަދަ ބާރު މޯހަން ބަގާންއާ ދެކޮޅަށް ނުކުންނައިރު، މި ދެ ޓީމުވެސްވަނީ މުބާރާތުން މިހާރު ކަޓާފައެވެ. އަދި މިއަދުގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް މާޒިޔާއަށް ގްރޫޕް ސްޓޭޖުގެ ފުލުން އެރޭނެ އެއްވެސް ގޮތެއް ނެތެވެ.

މި އަހަރުގެ މުބާރާތަށް މާޒިޔާއިން ބޮޑު ހޭދައެއްކޮށް، ރަނގަޅަށް ތައްޔާރުވިއެވެ. ގިނަ މެޗުތަކުގައި މޮޅަށް ކުޅެ ކުރިވެސް ހޯދިއެވެ. އެކަމަކު ފުރަތަމަ މެޗުން ނޫނީ މޮޅެއް ނުވިއެވެ. ފަހުން ކުޅުނު ހުރިހާ މެޗެއްވެސް ގެއްލުނީ ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި އިދިކޮޅު ޓީމުތަކުން ޖެހި ލަނޑުތަކުންނެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މިލޯ ބުނީ ގަދަ ލީގެއް ނެތި ކާމިޔާބު ނުހޭދޭނެ ކަމަށެވެ.

މިލޯ ބުނީ ރާއްޖޭގައި ތިބީ ސަރަހައްދީ ފެންވަރަށް ބަލާއިރު ވަރުގަދަ ކުޅުންތެރިން ކަމަށެވެ. އޭއެފްސީ ކަޕް ފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވާން ލިބެންޖެހޭ ފަދަ ވަރުގަދަ މެޗުތަކެއް ރާއްޖޭގެ ފުޓްބޯޅައިގައި ނުލިބޭ ކަމަށާއި، އެއީ ޓީމުގެ ލެވަލް މަތިކުރަން ބަލާއިރު ގެއްލުމެއް ކަމަށް މިލޯ ބުންޏެވެ.

މިލޯ ފާހަގަ ކުރިހެން ދިވެހި ލީގުގައި ވާދަވެރި ކަމެއް ނެތެވެ. މެޗު ޝެޑިއުލް އެކި ފަހަރު ބަދަލުވަމުން އަންނަ އިރު، ދެ މެޗު ދޭތެރޭގައި މަސް ދެމަސް ދުވަހުގެ ބްރޭކް ބައެއް ފަހަރު އާދެއެވެ. އިދިކޮޅު ޓީމު ހާޒިރު ނުވެގެންވެސް ބައެއް މެޗުތައް ނުކުޅެވާއިރު، ލީގުގެ ފަހުކޮޅުގައި ދެ ޓީމެއްވަނީ މުބާރާތުގައި އިތުރަށް ކުރިއަށް ނުދާން ނިންމައި ނަންވެސް ނަގައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް