ads
ރައީސް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ--
މަސްވެރިކަން ކިޔަވައިދޭން ކޮލެޖަކާއި އުފެއްދުންތައް މާކެޓްކުރަން އެޖެންސީއެއް ހަދަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖަކާއި މަހުގެ އުފެއްދުންތަކަށް ބާޒާރު ހޯދުމަށް މާކެޓިން އެޖެންސީއެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ނިންމަވާފައިވާކަން އެކަން އިއުލާނު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ހާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރައްވާ ފިޝަރީޒް ކޮލެޖް ޤާއިމުކުރާނީ ގައުމީ ޔުނިވަސިޓީއާ ގުޅިގެންކަމަށާއި އެކަމުގެ އިދާރީ މަސައްކަތް ސަރުކާރުގެ ހަފުތާ 14 ގެ ތެރޭގައި ހިނގަމުންދާކަމަށެވެ. މީގެ އިތުރުން މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން 1 ފަޅުވެރިޔަކު "ރެސްކިއު ޑައިވަރު" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ހާއްސަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ދިވެހިރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް އެ ބްރޭންޑް ބޭރު ގައުމުތަކުގައި އިޝްތިހާރުކޮށް މާކެޓް ކުރެވިގެންދާނެކަމަށާއި މަސްވެރިންގެ ލާބަ އާއި މަންފާއަށް ސަރުކާރުން މިހާރު ފަށްޓަވާފައިވާ ބައެއް ކަންކަމާއި ކުރިއަށް ރާވާފައިވާ އެކި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސާ ހަފުލާގައި ވަނީ ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި އަދި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ޚިދުމަތްތައް ކުރައްވާފައިވާ 19 ފަރާތަކަށް މަސްވެރިންގެ ދުވަހުގެ ޚާއްޞަ އިނާމުތައް ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކާ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް