ads
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ:އެޗްއާރުސީއެމް
"ޖަލުތަކުގެ ބަދަލުގައި ފަރުވާދޭނެ ފެސިލިޓީތައް ގާއިމުކުރަން ޖެހޭ"
ރާއްޖޭގައި ޖަލުތަކުގެ ބަދަލުގައި އެހީ ބޭނުންވާ ފަރާތްތަކަށް ހާއްސަ ފެސިލިޓީތަކެއް ގާއިމުކުރަން ޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް 20 އަހަރު ފުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ހިއުމަން ރައިޓްސް ކޮމިޝަނުގައި ގާއިމު ކުރިތާ 15 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަލުތަކުގައި އެއްވެސް ބަޔަކު ތިބެން ޖެހޭ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި ދެކެން ބޭނުން ވަނީ ޖަލުތަކަށް މީހުން ލުން ހުއްޓާލާ މުޖުތަމައެއް ކަމުގަ އެވެ. އަދި އެހީ ބޭނުންވާ މީހުން ޖަލަށްލުމުގެ ބަދަލުގައި ފެސިލިޓީތައް ގާއިމުކޮށް އެކި ދާއިރާތަކުން އެ މީހުންނަށް އެހީތެރިކަން ލިބެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މީގެއިތުރުން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަމަލުކުރުމަށް ސަރުކާރުން ބާރު އަޅާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ހަމައެހެންމެ މި ދާއިރާއިން ހާސިލުކުރަން ބޭނުންވާ ކަންތައްތަކަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން މި ދާއިރާއިން ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އޭޕީޓީ އަދި އެސްޕީޓީގެ މަންދޫބުންނާއި ހައިކޮމިޝަން އަދި އެމްބަސީތަކުގެ ސަފީރުން ބައިވެރިވި އެވެ. އަދި މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި ޔޫއެންގެ ކަމާ ގުޅޭ އެކި އޮފީސްތަކުގެ މަންދޫބުންނާއި ސީއެސްއޯތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އެންޕީއެމުން ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާ ހުށަހެޅުންތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމުގެ ގޮތުން ޕޯޓަލެއް ވަނީ ލޯންޗުކޮށްފަ އެވެ. މި ޕޯޓަލަކީ މެނުއަލްކޮށް މައުލޫމާތު އެއްކޮށް ރެކޯޑުކުރުމުގެ ބަދަލުގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުންތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ފަސޭހަ ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން އުފެއްދި ޕޯޓަލެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް