އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ކޮމެޓީ ރިޕޯޓަށްް ބަހުސް ކުރައްވަމުން އަހްމަދު ހަލީމް ވިދާޅުވީ ބަޖެޓްް ރިޕޯޓާއި މެދު ވަރަށް ކަންބޮޑުވާކަމަށާއި ސުވާލުވެސް އުފެދޭކަމަށެވެ.
ހަލީމް ވިދާޅުވީ ބަޖެޓްގައި ހިމެނި ފުށި ދިއްގަރުފަޅު ހިއްކުމަށް އޮތް ބައި އުނިކުރީ ގައުމީ ވިސްނުމެއްގައިކަން ކުރިން ގަބޫލުކުރެއްވުނުނަމަވެސް މުޅި ބަޖެޓަށް ބަލާލުމުން ފެންނަނީ އެހެން މަންޒަރެއްކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް ނުފޫޒު ފޯރުވުމަށް ބަޖެޓްގައި ބައެއްކަން ބައެއް މެމްްބަރުންނަށް ހިމަނާދީފައިވާކަމަށް ހަލީމް ތުހުމަތުކުރެއްވިއެވެ.
މެމްބަރު ހަލީމް ވިދާޅުވީ ބަޖެޓުން ފުށިދިއްގަރު އުނިކޮށްފައި މެމްބަރުންގެ ދާއިރާތަކުގައި ކަންކަން ހިމެނުމަށް ކޮންމެ މެމްބަރަކަށް 7 މިލިއަން ކަނޑައެޅިކަމަށެވެ. އެހެންނަމަވެސް ބައެއް މެމްބަރުންނަށް ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ މަޝްރޫއުތައް ބަޖެޓްގައި ޖަހާދީފައިވާކަމަށް ހަލީމް ފާހަގަކުރެއްވިއެވެ.
ހަލީމް ވިދާޅުވީ މީ އިހްލާސްތެރި ނިންމުމެއްކަމުގައި ނުދެކުން ނަމަވެސް ޕާޓީން ވިފްލައިން ނެރުމުން ބަޖެޓަށްް ވޯޓް ދެއްވާނެކަމަށެވެ. އެހެންނަމަވެސް އެއީ ހިތާ ދެކޮޅަށް ދޭ ވޯޓެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު ފުަށި ދިއްގަރު ފަޅު ހިއްކުމަށްވުރެ މިހާރު މާލޭ ރައްޔިތުންނަށް ބިން ދީފައިވާ ތަންތަނުގައި ނަރުދަމާ އަޅާ މަގުތައް ހެދުން މާ މުހިއްމުކަން ހަލީމް ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 306 މިލިއަން އިތުރުކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބަޖެޓް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ކޮމިޓީ މަރުހަލާގައި ބަޖެޓަށް އެންމެ ބޮޑު ބަދަލެއް ގެނައީ ޕީއެސްއައިޕީ މަޝްރޫއުއަށެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް 249 މިލިއަން ރުފިޔާ އިތުރުކޮށްފައިވެއެވެ. އެ ބަދަލާއިއެކު ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ޖުމްލަ 8.9 ބިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފައެވެ.
މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ހައްލެއް ހޯދުމަށް ސަރުކާރުގެ ވައުދެއްކަމަށްވާ "ފުށިދިއްގަރުފަޅު" މަޝްރޫއު ވަނީ ބަޖެޓުން އުނިކޮށްފައެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނިއެވެ.