ކޮތަޅަކުން 2 ރުފިޔާގެ ޓެކުހެއް ނަގަން ފެށީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 18 ވަނަދުވަހުން ފެށިގެންނެވެ. ޓެކްސް ނަގަން ފެށުމުން ވިޔަފާރިވެރިން އަތުން ދެ ފަހަރަށް ޓެކްސް ނެގޭތީ އެކަމާ ޝަކުވާ ބޮޑުވެ އެ މައްސަލަ އަނެއްކާވެސް މަޖިލިހަށް ހުށައެޅުނެވެ.
މި މައްސަލަ ދިރާސާކުރުމަށް އެކުލަވާލި މުޅި މަޖިލީހުގެ ސަބް ކޮމެޓީއަށް މިއަދުވަނީ ތިމާވެއްޓާއި ބެހޭ ވުޒާރާއާއި މާލީ ވުޒާރާގެ އިތުރުން އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ވެރިން ހާޒިރުކޮށްފައެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން ތިމާވައްޓާއި ބެހޭ ވަޒީރު ތާރިގް ވިދާޅުވީ ކޮތަޅުން ނަގަމުންދާ ޓެކްސް ކުޑަކުރަން ތާއީދު ނުކުރައްވާކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ޓެކްސް ކުޑަކުރުމުން ނުވަތަ ކަނޑާލުމުން ޕްލާސްޓިކާ ދެކޮޅަށްް ކުރާ މަސައްކަތުގެ މަގުސަދު ގެއްލިގެންދާނެތީއެވެ. އެހެންނަމަވެސް ޓެކްސް ކުޑަނުކުރުމަކީ އަމިއްލަ ވިސްނުުމެއްކަމަށާއި އެކަމުގައި ރަސްމީކޮށް ގޮތެއް ނިންމާ ގާނޫނަށް ބަދަލެއް ގެންނަން މަޝްވަރާއަށް ވަގުތު ބޭނުންވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކޮމެޓިގައި ވާހަކަދައްކަވަމުން މާލީ ވުޒާރާގެ އިސްވެރިންވެސް ވަނީ ކޮތަޅުން ޓެކްސް ކުޑަކުރުމަށް ތާއިދު ނުކުރާކަން ހާމަކޮށްފައެވެ. އެ ވުޒާރާގެވެސް ކަންބޮޑުވުމަކީ އޭރުން ޕްލާސްޓިކާއި ދެކޮޅަށް ކުރާ މަސައްކަތުގެ މަގުސަދު ހާސިލްނުވުމެވެ.
ދެ ފަހަރަށް ޓެކްސް ނެގޭތީ ވިޔަފާރިިވެރިންގެ ޝަކުވާތައް ހުރިކަން ފާހަގަކުރަމުން މީރާއިން ބުނީ އެކަމަށް އޮތް ހައްލަކީ ޤާނޫނަށް އިސްލާހު ގެނައުންކަމަށެވެ.
ކޮމެޓީ މަރުހަލާގައި މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ މި މައްސަލައަށް ހިޔާލު ހުށައަޅާފައެވެ. ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ހުށައެޅުއްވީ ކޮތަޅުން ނަގާ ޓެކެސް ކަނޑާނުލާ ކޮތަޅުން 50 ލާރި ނެގުމަށެވެ. އަނެއް ބައި މެމްބަރުން ގެ ހިޔާލަކީ ކޮތަޅަކީ ޓެކްސް ނުނަގާ ޒީރޯ ރޭޓް ޓެކްސް އޮތް ބާވަތެއްގެ ގޮތުގައި ކަނޑައެޅުމެވެ.
ކޮތަޅުން ނަގާ ޓެކްސްގައި މައްސަލަ ބޮޑުވީ ޓެކްސް ނަގާއިރު އިސްތިސްނާ ވާ ހާލަތުގެ ތެރޭގައި ކޮތަޅު ބޮނޑި ހިމަނާފައި ނުވުމެވެ. އެހެން އޮތުމުން ވިޔަފާރިވެރިން ކޮތަޅު ބޮނޑި ހޯލްސޭލްކޮށް ގަތަސް އެ ބޮނޑިއަށް ދައްކަންޖެހޭ އަދަދުގެ އިތުރުން ކޮންމެ ކޮތަޅަކަށް އަދި 2 ރުފިޔާ ދައްކަން ޖެހެއެވެ.