ads
ނައިބު ރައީސް، ޑަބްލިއުޓީއޯގެ ޑިރެކްޓަ ޖެނެރަލް އާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް
"ދަރަނި ރީސްޓްރަކްޗަކޮށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް ގެނައުން މުހިންމު"
ދަރަނި ރީސްޓްރަކްޗަކޮށް، ރާއްޖެއަށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް އިތުރަށް ގެނައުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ ޑިރެކްޓަ ޖެނެރަލް ޑރ. އުންގޯޒީ އޮކޮންޖޯ އިވެއެލާ އާ މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި ފޮރިން މިނިސްޓްރީ އެމްބެސެޑަ-އެޓް-ލާޖް މުހައްމަދު ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ޑަބްލިއުޓީއޯއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާ ފަންނީ އެހީތެރިކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވައި، ރާއްޖޭން އޮތީ އިތުރަށް އެ ގުޅުން ބަދަހިކުރުމަށާއި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށްކަން ފާހަގަކުރައްވާފަ އެވެ. އަދި ދަރަނި ރީސްޓްރަކްޗަ ކުރުމުގެ މުހިންމުކަމާއި ރާއްޖެއަށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް އިތުރަށް ގެނައުމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ޑަބްލިއުޓީއޯގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ކުރިމަގުގައި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ނައިބު ރައީސް ސްވިޒަލެންޑްގެ ޖެނީވާއަށް ވަޑައިގެންފައި ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔުނިވަސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޑަބްލިއުޓީއޯގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހުނީ 1995 ވަނަ އަހަރުގެ މެއި މަހުގެ 31 ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް