މިރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ އެކަމަނާ ގަބޫލްފުޅުކުރައްވާ ގޮތުގައި މިހާރު ހުުންނެވި މަގާމުގައި ހުރެގެންވެސް ދެ މައްސޫލިއްޔަތު އަދާކުރެއްވިދާނެކަމަށެވެ.
އެކަމުގައި ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރިކަން ފާހަަގަ ކުރައްވަމުން ސާޖިދާ ވިދާޅުވީ އެކަންބޮޑުވުން ބަލައިގަތް ނަމަވެސް އެ އިދާރާގައި "ޑިސިޝަން މޭކިން ލެވެލްގައި" މަސައްކަތް ކުރާ މީހުންނަށް އުދަގޫ ނުވާ ގޮތަށް މަސައްކަތް ކުރެވިދާނެކަމަށެވެ.
ސާޖިދާ ވިދާޅުވީ އެ މަސައްކަަތް ކުރައްވާތީ ދައުލަތުން ދޭ މުސާރަވެސް ބޭނުންފުޅު ނުވާކަމަށާއި، އަދި މަޖުބޫރުކޮށްފަ އޮންނާތީ އެ ފަރާތުން މުސާރަ ދިން ނަމަވެސް މުސާރައިގެ ގޮތުގައި ދޭ ފައިސާ ސިއްހީ ދާއިރާއަށް ހަދިޔާ ކުރައްވާނެކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަން އިން އުސޫލުތަކަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ވެސް އޮތްކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ސާޖިދާ ވިދާޅުވި އެވެ.
ސިވިލް ސާވެންޓުންގެ ރައްކާތެރިކަން ކަށަވަރުކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަން ފާހަގަކުރަައްވައި ފަސްޓް ލޭޑީ ވަނީ އުސޫލު ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ސާޖިދާ މިފަދައިން ވާހަކަދައްކަވާފަ މިވަނީ އެ މައްސަލަ އާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ސިވިލް ސާވިސް ކޮމިޝަން ހާޒިރު ކުރެވިފައިވަނިކޮށެވެ.
އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ސާޖިދާ އެދިވަޑައިގަތީ ދާއިމީ ވަޒީފާގައި ހުންނަވައިގެން ލުއިތަކެއް ދެއްވުމަށްކަމަށެއެވެ.
އެގޮތަށް ލުއިތަކެއް ދިނުމަށް ގަވައިދު ތަން ނުދޭތީ އެކަމަށް ހަމައެކަނި އޮތް ގޮތަކީ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް، ކޮންޓްރެކްޓް އުސޫލުން ހިދުމަތް ދިނުން ކަމަށްވާތީ އެގޮތައް ލަފާ ދެއްވާފަވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ގާނޫނީގޮތުން އެކަން އޮތްގޮތް ބެލި އިރު ރައީސްގެ އަނބިކަނބަލުންނަށް ސިވިލް ސާވިސްގެ ވަޒީފާގައި މަސައްކަތް ނުކުރެވޭނެ ކަމަށް ރާއްޖޭގައި މިހާރު ހުރި އެއްވެސް ގާނޫނަކުން މަނާ ނުކުރާކަމަށާއި، އެގޮތުން ކޮންޓްރެކްޓް އުސޫލުން ހިދުމަތް ކުރެއްވުމަށް ސާޖިދާ ނިންމެވީ އަދާކުރައްވަމުން ގެންދެވި ވަޒީފާ އެގޮތުގައި ކުރިއަށްގެންދެވުމަށް ދަތިތަކެއް ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.
އެއީ ރައީސް އަނބިކަނބަލުންނަށް ވީތީ ހެދި ހާއްސަ އުސޫލެއް ނޫންކަމަށް ވިދާޅުވަމުން ނާސިހް ވިދާޅުވީ މީގެ ކުރިންވެސް އެ އުސޫލުގެ ދަށުން ގިނަ މިނިސްޓްރީތަކަށް އެކި މީހުން ހިދުމަތްކޮށްފައިވާކަމަށާ، މިހާރުވެސް ހިދުމަތް ކުރައްވަމުން ގެންދާކަމަށެވެ.