ރައީސް އޮފީހުން ބުނީ ފޮރިން ސެކްރެޓަރީގެ މަގާމަށް ފާތިމަތު އިނާޔާ، މައްޗަންގޮޅި ރެސްޓިންހައުސް، މިއަދު އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވާފައިވާ ކަމަށެވެ.
އިނާޔާއަށް މަގާމުގެ ފަތްކޮޅު ދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
ފާތިމަތު އިނާޔާ އެންމެފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ މިނިސްޓަރުގެ ނައިބުގެ މަގާމުގަ އެވެ. އެކަމަނާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.
އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.