ads
ނައިބު ރައީސް، ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރެއްވުން: ނެދަލެންޑްސްއިން ވިސާ ހޯދަން ލުއިގޮތްތަކެއް ހަމަޖައްސަން ވަނީ މަޝްވަރާކުރައްވާފައި - ފޮޓޯ:ރައީސް އޮފީސް
ނެދަލެންޑްސްއިން ވިސާ ހޯދަން ލުއިގޮތްތަކެއް ހަމަޖައްސަން މަޝްވަރާކުރައްވައިފި
ނެދަލެންޑްސްއަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު، މިނިސްޓަ އޮފް ސޯޝަލް އެފެއާޒް އެންޑް އެމްޕްލޯއިމަންޓް ކަރީން ވަން ހަނިޕް އާއެކު އަންގާރަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

‎މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް އާއި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު، ވަނީ ދެ ގައުމުގެ ދޭތެރޭ އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމާއި ފަތުރުވެރިކަމާއި ވިޔަފާރި އާއި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

‎މީގެ އިތުރުން، މި ދެ ބޭފުޅުން ވަނީ ދެ ގައުމު ގުޅިގެން ޒުވާނުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު ވަނީ އެ ގައުމުގެ އަމިއްލަ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަން ހާމަކުރައްވާފަ އެވެ.

‎ނައިބު ރައީސް އާއި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބުގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ އެކުގައި މަސައްކަތް ކުރުމަށާއި ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ ފުރިހަމަ އަޒުމުގަ އެވެ.

‎ދިވެހިރާއްޖެ އާއި ނެދަލެންޑްސް އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1979 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް